ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އެޗްގައި އެމެރިކާގެ މިއާމީ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގައި، ވަރުގަދަ އުރުގުއޭއާ ވާދަކޮށް ކާބޯ ވާޑޭއިން ދެ ލަނޑު ދެ ލަނޑުން މެޗު އެއްވަރުކޮށްފިއެވެ. މިއީ ކުރިން ސްޕެއިންއާ އެއްވަރުކުރި ކާބޯ ވާޑޭއިން، ދުނިޔޭގެ ޗެމްޕިއަންކަން ކުރިން ހޯދާފައިވާ އުރުގުއޭ ސިއްސުވާލުމަށް ފަހު ހޯދި މުހިންމު ޕޮއިންޓެކެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ކާބޯ ވާޑޭއިންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި އެ ޓީމުގެ ކެވިން ޕީނާ ވަނީ ހިތްގައިމު ހިލޭ ޖެހުމަކުން ލަނޑެއް ޖަހައި އުރުގުއޭ ސިއްސުވާލާފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އުރުގުއޭއިން ވަނީ ކައިރިކައިރީގައި ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މެޗުގެ 44 ވަނަ މިނެޓުގައި މެކްސީ އަރައޫހޯ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަގުސްޓިން ކަނޯބިއޯ ވަނީ ލަނޑެއް ޖަހައި އުރުގުއޭއަށް ކުރިހޯދައިދީފައެވެ.

ދެވަނަ ހާފު ފެށިގެން އުރުގުއޭއިން މެޗު ކޮންޓްރޯލް ކުރި ނަމަވެސް، ދިފާއީ ގޯހެއްގެ ފައިދާ ނަގައި ކާބޯ ވާޑޭގެ ވަރޭލާ ވަނީ މެޗުގެ 61 ވަނަ މިނެޓުގައި ލަނޑެއް ޖަހައި އަލުން ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ބާކީބައިގައި އުރުގުއޭގެ ލެޖެންޑް ލުއިސް ސުއަރޭޒް ސަޕޯޓަރުންގެ ގޮނޑިބަރީގައި އިނދެ ހިތްވަރުދެމުންދިޔައިރު، އުރުގުއޭއިން ވަނީ ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ކާބޯ ވާޑޭގެ ވަރުގަދަ ދިފާއީ ފާރު ފޫއަޅުވާލެވޭ ގޮތް ވަނީ ނުވެފައެވެ.