މާބަނޑު އަންހެނުންނަށް ކެފެއިންގެ ނުރައްކާ ފޯރަނީ ކިހާވަރަކަށްތޯ ބެލުމަށް މިދިޔަ 20 އަހަރު ތެރޭގައި ހެދުނު 48 ދިރާސާއެއްގެ ނަތީޖާ އަލުން ދިރާސާ ކުރުމުންވެސް ދެއްކީ، މާބަނޑު އަންހެނުންނަށް ކެފެއިން އަކީ ރައްކާތެރި އެއްޗެއް ނޫން ކަމަށެވެ. ކެފެއިންގެ ސަބަބުން ވިހާއިރު ދަރިފުޅު ގެ ހަރަކާތްނެތުމާއި، ބައިގެން ދިއުމުގެ އިތުރުން ވިހާއިރު ކުދިންގެ ބަރުދަން ހުންނަންވާ ވަރަށްވުރެ ލުއިވުން ހިމެނެއެވެ.

ރޭ މީޑިޔާތަކަށް އާންމުވި މި ރިޕޯޓަށް ފަހު، އިނގިރޭސިވިލާތުގެ ރޯޔަލް ކޮލެޖް އޮފް އޮބްސްޓެޓްރީޝަންސް އެންޑް ގައިނަކޮލޮޖިސްޓްސް އިން ހާމަ ކުރި ގޮތުގައި މާބަނޑު އަންހެނުންނަށް ކޮންމެ ދުވަހަކު 200 މިލިގްރާމަށް ވުރެ އިތުރު ނުވާ ވަރަށް ކެފެއިން ބޭނުން ކުރުން ރައްކާތެރިއެވެ. އެއީ 2 ތަށި ކޮފީގެ މިންވަރެވެ. މި އިންސްޓިޓިއުޓުން ހާމަ ކުރި ގޮތުގައި އެމީހުންގެ މި ބަސް އެމީހުން ހިފަހައްޓާނެއެވެ.

ނަމަވެސް މި ދިރާސާތަކުގައި އިސްވެ ހަރަކާތްތެރިވި ޕްރޮފެސަރ ޖެކް ޖޭމްސް  ހާމަ ކުރި ގޮތުގައި، ރައްކާތެރި މިންވަރު ކަމަށް ބުނެ މަދު މިންވަރަކަށް ކެފެއިން ބޭނުންކުރާ އެތައް މައިންގެ ސަބަބުން ކޮންމެ އަހަރަކު އެތައް ކުޑަކުދިންނަކަށް ގެއްލުން ލިބެއެވެ. މި ނަތީޖާތަށް އިތުރަށް ދިރާސާ ކުރި، އައިސްލެންޑްގެ ރޭޖަވީކް ޔުނިވަރސިޓީއިން ހާމަކުރި ގޮތުގައި ކެފެއިންގެ ސަބަބުން ބަނޑުގައިވާ ދަރިފުޅު ބައިގެން ދިއުމުގެ ފުރުސަތު 36 އިންސައްތަ އިތުރު ވެއެވެ. ވިހާއިރު ކުދިން މަރުވެފައި ތިބުމުގެ ފުރުސަތު 19 އިންސައްތަ އިތުރުވާ އިރު ވިހާ އިރު ބަރުދަން ލުއިވުމުގެ ފުރުސަތު 51 އިންސައްތަ އިތުރުވެއެވެ. އަދި ކެފެއިންގެ ސަބަބުން ތުއްތު އުމުރުގައި ލޭގެ ކެންސަރު ޖެހުމާއި، ހުންނަންވާ ވަރަށް ވުރެ ބަރުދަން އިތުރުވުމުގެ ނުރައްކާ ކުރިމަތިވެއެވެ.