އިންސާނާގެ ހަންގަނޑަކީ އިންސާނާގެ ސިފަ ނުވަތަ ކުލަ ބަޔާންކޮށްދޭ އެއް ގުނަވަނެވެ. ވީއިރު ކޮންމެ މީހަކީވެސް އެމީހެއްގެ ހަންގަނޑު ސާފުކޮށް އޮމާންކޮށް ހުންނަން އެދޭނޭ މީހެކެވެ. މި ލިއުމުގައި މި ބަލައިލަނީ ހަންގަނޑުގެ ސާފުކަމާއި އޮމާންކަން ދެމެހެއްޓުމަށް ކުރެވިދާނެ އާދައިގެ ބައެއް ކަންތައްތަކަށެވެ.
މޫނުގައި ނުވަތަ ހަންގަނޑުގައި ނަގާފައި ހުންނަ ބިހި ތަކަކީ އޭގެ ތަބީއަތަށް ހިނދޭނޭ އެއްޗެއްސެވެ. ބައެއްފަހަރަށް އޭގެ ތަބީއަތަށް ފަޅައިގެންދާ އެއްޗެއްސެވެ. ނަމަވެސް އޭގެ ބަދަލުގައި އެ ބިހި ތަކަށް ފިތާ އޭގެ "ގޮނޑި" ހަންގަނޑުގެ ތެރެއިން ގަދަކަމުން ނެރުމަކީ ހަންގަނޑަށް އޭގެ ގެއްލުން ލިބޭނޭ ކަމެކެވެ. ހަނގަނޑުގައި ކުދި ކުދި އަޑިގަނޑުގަނޑު ހެދޭނޭ ކަމެކެވެ. އެހެންކަމުން އެފަދަ ބިހިތައް ގަދަ ކަމުން ގޮއްވުން އެއީ ހަނގަނޑުގެ ސާފުކަމާއި އޮމާންކަމަށް ދުރުމުސްތަގުބަލެއްގައި ގެއްލުން ލިބޭނޭ ކަމެކެވެ. ވީއިރު އެފަދަ ބިހިތައް އޭގެ ތަބީއަތުން ކޮންމެވެސް ގޮތަކަށް ނިމެންދެން ނުވަތަ އެއްކޮށް ތިލަވަންދެން ބަހައްޓާށެވެ.
ހަނގަނޑުގައި ހުންނަ މިލަ ފިލުވާ، މީހާ ތާޒާ ވެލުމަށް ފެންވަރައެވެ. ނަމަވެސް ހަދާނުގައި ބަހައްޓަންވީ ފެންވެރުމުގައިވެސް ހަމައެއް އޮންނަން ވާނެކަމެވެ. ކޮންމެ ދުވަހަކު މާގިނައިން ފެންވެރުމަކީވެސް ހަންގަނޑަށް ގެއްލުން ވެދާނޭ ކަމެކެވެ. އެހެނީ ހަންގަނޑުގައި ހުންނަ ހަށިގަނޑަށް ނުވަތަ ހަންގަނޑަށް ފައިދާ ކުރަނިވި މައިކުރޯއޯގަނިސަމްސްތައް މަރުވެދާނެތީއެވެ. ކަން މިހެން ހުރިނަމަވެސް މަދުވެގެން ދުވާލަކު އެއްފަހަރު ފެންވަރަންވާނެއެވެ. އަދި ދާހިއްލާފައިވާ ނަމަ ފެންވަރާލުންވެސް ވަރަށް މުހިންމެވެ. މީގެ އިތުރުން ކޮންމެ ފަސްނަމާދަކަށް ވުޟޫކުރުމަކީވެސް ހަގީގަތަށް ބުނާނަމަ ހަންގަނޑަށް ތާޒާކަމާއި ފިނިކަން ގެނުވާ ކަމެކެވެ. ނަތީޖާއަކަށްވާނީ، ސާފު އޮމާން ހަނގަނޑަކަށް ޖާގަދެވުމެވެ.
ހަންގަނޑު ސާފުކޮށް އޮމާންކޮށް ބެހެއްޓުމަށްޓަކާ ހަންގަނޑުގައި ތެތްކަމެއް ހުރުން ވަރަށްވެސް މުހިންމެވެ. އެހެންކަމުން ފެންވަރާ ނިމިގެން ހަންގަނޑުގައި ލޯޝަނެއްފަދަ އެއްޗެއް އުނގުޅާށެވެ. ހަންގަނޑުގައި އުނގުޅާނެ އެއްޗެއް ނިންމުމުގައި ބަލަންޖެހޭނީ އޭގައި ހިމެނޭ ކެމިކަލުގެ މިންވަރު މަދު، ގުދުރަތީ ތާސީރުން މުއްސަނދިކަން ލިބިފައިވާ ލޯޝަން ތަކަށެވެ. މިގޮތަށް ހަންގަނޑު ތެތްކޮށް ހުރުމަކީ ޖައްވުގެ ތެރޭގައި އުޅޭ ގެއްލުން ދެނިވި މައިކުރޯއޯގަނިސަމްތަކުން ހަންގަނޑު ސަލާމަތްކޮށްދޭނޭ ކަމެކެވެ.
ފެންވެރުމުގައި ނުވަތަ މޫނުދޮވުމުގައި ހޫނުފެން ނުވަތަ ތާފަނާފެން ގިނަދުވަސްތަކެއް ވަންދެން ބޭނުން ކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. އެހެނީ އެއީ ހަންގަނޑުގެ ބާރު ދަށްކޮށްދީ ރޫ ގިނަކޮށްދޭ ކަމެކެވެ. އޭގެ ބަދަލުގައި އާދައިގެން ފެން ނުވަތަ ކުޑަ ފިނިކަމެއް ހުރި ފެނެއް ބޭނުން ކުރުން ރަނގަޅެވެ.
ހަންގަނޑުގެ ސާފުކަމާއި އޮމާންކަން ދެމިގެންދާ އެއް ސަބަބަކީ ހަށިގަނޑުގައި ހުންނަ ފެނުގެ މިންވަރެވެ. އެހެންކަމުން ގިނައިން ފެން ބުއިމަކީ އިންސާނާގެ ހަންގަނޑު ސާފުކޮށްދީ އޮމާންކޮށްދޭނޭ ސަބަބެކެވެ. ފެނުގެ އިތުރަށް ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަކީވެސް ހަންގަނޑު ސާފުކަންމަތީ ބެހެއްޓުމަށް އެހީވެދޭނެ ކަމެކެވެ.
މޫނުގައި ޖައްސަން ގެންގުޅޭ ކެމިކަލް ހުންނަ މޭކަޕުތަކަކީވެސް އެއާއި ދުރުވާންޖެހޭނޭ އެއްޗެއްސެވެ. އެހެނީ އެ ކެމިކަލްތަކުގެ ސަބަބުން ނޭނގިތިބެ ހަންގަނޑަށް ގެއްލުން ދެވޭތީއެވެ.
ހާސްދުނިޔެއިން އެއްކިބާވެ ހަމަޖެހޭ އަމާން، ފަސޭހަ ދިރިއުޅުމެއް، ހިތްހަމަޖެހިގެން އުޅުމަކީ މިހާ އަށް ތާޒާކަން ގެނުވާނޭ ކަމެކެވެ. ހަންގަނޑުގައި ލޭ ދައުރުވުން ހަމަ ޖައްސައިދެއެވެ.
މިހުރިހާ ކަމަކީވެސް ވަރަށް ފަސޭހައިން ކޮށްލެވޭނޭ ވަރަށް އާދައިގެ ކަންކަމެވެ. އިންސާނާގެ ހަންގަނޑުގެ ސާފުކަން ދެމެހެއްޓުމަށް ބޮޑު ހަރަދެއް ނުކޮށް އާދައިގެ އާދަ ތަކަކުން ހަމަޖެހެއެވެ.
