ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި މިދިޔަ އާދީއްތަ ދުވަހު ލޮސް އެންޖެލިސް ސްޓޭޑިއަމްގައި އީރާނާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވުމުން، މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށްޓަކައި ގްރޫޕްގެ ފަހު މެޗުގައި ނިއުޒީލޭންޑް އަތުން މޮޅުވުން ބެލްޖިއަމަށް މަޖުބޫރުވެ، އެ ޓީމަށް ޕްރެޝަރު ބޮޑުވެއްޖެއެވެ. ފުރަތަމަ މެޗުގައި އީޖިޕްޓާ އެއްވަރުވި ބެލްޖިއަމަށް ދެވަނަ މެޗުން ވެސް މޮޅެއް ނުލިބި ތާވަލުގެ ކުރިއަށް ދިއުމުގެ ފުރުސަތު މިހާރު ވަނީ ހަނިވެފައެވެ.

މި މެޗުގައި ބެލްޖިއަމުން 70 ޕަސަންޓު ބޯޅަ ހިފަހައްޓައި، ލަނޑު ޖަހާނެ 23 ފުރުސަތު ތަނަވަސްކުރި ނަމަވެސް އީރާނުގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މެޗުގެ ފަހު 30 މިނެޓު، ބެލްޖިއަމްގެ ނޭތަން ންގޯއަށް ދެއްކި ރަތް ކާޑާ ގުޅިގެން އެ ޓީމުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ނަމަވެސް، މެޗުގެ ކުރީކޮޅު ލިބުނު ފުރުސަތުތައް ބޭކާރުވުމަކީ ބެލްޖިއަމަށް މެޗުން މޮޅުނުވެވުނު މައިގަނޑު ސަބަބު ކަމަށް އެ ޓީމުން ގަބޫލުކުރެއެވެ.

މެޗަށް ފަހު ބެލްޖިއަމްގެ ކޯޗު ރޫޑީ ގާސިއާ ބުނީ "އަހަރެމެން ބޭނުންވި ގޮތަށް މެޗު ކޮންޓްރޯލް ކުރެވުނު ނަމަވެސް، ލަނޑު ނުޖެހޭ ނަމަ މެޗަކުން މޮޅެއް ނުވެވޭނެ" ކަމަށެވެ. މީގެ އިތުރުން ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ބުނީ "އަހަރެމެން ބޭނުންވަނީ މުބާރާތުގައި އެންމެ ކުރިއަށް ދާށެވެ. ގެއަށް ދާކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން ނިއުޒީލޭންޑް މެޗަށް ނުކުންނާނީ މޮޅުވުމުގެ އަޒުމުގަ." ކަމަށެވެ.