ޕޭޕަލް މެދުވެރިކޮށް އެމް-ފައިސާ ވޮލެޓަށް ފައިސާ ޓްރާންސްފަރ ކުރުމުގައި އުރީދޫއިން އެއްވެސް އިތުރު ފީއެއް ނުނަގާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް މިމަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް ތަޢާރަފްކޮށްފައިވާއިރު، މި ޚިދުމަތުގެ ސަބަބުން ފްރީލާންސަރުންނާއި އަމިއްލަ މަސައްކަތްތެރިންނަށް ބައިނަލްއަޤުވާމީ ބާޒާރުން ފައިސާ ލިބުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.
އުރީދޫން ބުނާ ގޮތުގައި، ކަސްޓަމަރުން މިވަގުތު ދައްކަން ޖެހޭނީ ހަމައެކަނި ޕޭޕަލްގެ ޢާންމު ޓްރާންސެކްޝަން ފީ އެކަންޏެވެ. އެ ކުންފުނިން އިތުރު ފީއެއް ނުނަގާ ގޮތަށް ހަމަޖެއްސުމުން، ބޭރު ޤައުމުތަކުން ފޮނުވާ ފައިސާ، ސާފު އަދި ދެފުށް ފެންނަ އަގުތަކެއްގައި ލިބިގަތުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބޭއިރު ނަގާނީ 1.50 ޔޫއެސް ޑޮލަރުގެ އިތުރުން، ޓްރާންސެކްޝަން ހަދާ ޖުމްލަ ޢަދަދުގެ %2އެވެ.
މި ޚިދުމަތުގެ ސަބަބުން ދިވެހިންނަށް ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި މިއަށްވުރެ ޙަރަކާތްތެރިކޮށް ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. ޚާއްޞަކޮށް ބޭރުގެ ކްލައިންޓުންނާއެކު މަސައްކަތްކުރާ ފަރާތްތަކަށް، މި އިންތިޒާމުގެ ސަބަބުން މާލީ މުޢާމަލާތްތައް ކުރުމުގައި ޔަޤީންކަމާއި އިތުބާރު ބޮޑުވެ، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ރާއްޖެއަށް އިތުރަށް ބޭރު ފައިސާ ވެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް އުރީދޫއިން ފާހަގަކުރެއެވެ.
