ކޮލޮރާޑޯގެ އަންހެނެއްގެ ފެނުން ގެއްލުނުތާ 15 އަހަރު ފަހުން އަނެއްކާ އަލުން އޭނާއަށް ފެންނަން ފަށައިފިއެވެ.
އުމުރުން 59 އަހަރުގެ ކޯނީ ޕާކް ގެ ލޮލުގެ ފެނުން މަޑު މަޑުން ގެއްލެން ފެށީ މީގެ 17 ވަރަކަށް އަހަރު ކުރިންނެވެ. އޭނާ އަށް އެކަން ދިމާވާތާ 2 އަހަރު ފަހުން މުޅި ލޮލުގެ ފެނުން އެއްކޮށް ގެއްލުނެވެ. އޭރުވެސް އޭނާ ދިޔައީ ޑަކްޓަރުންނަށް ދައްކަމުންނެވެ. އެކި ފަރުވާތައްވެސް ހޯދަމުންނެވެ. ނަމަވެސް ލޮލުގެ ފެނުން އެއްކޮށް ގެއްލުމުން އޭނާ ބެލި ޑަކްޓަރުން ބުނާ ގޮތުގައި އޭނާގެ ލޮލުގެ އެންމެ މުހިންމު އެއް ނާރުގައި މައްސަލަ ޖެހުނީ ކަމަށެވެ. އަދި އެނާރު ރަނގަޅު ނުކުރެވޭނޭ ކަމަށްވެސް އެ ޑޮކްޓަރު ބުންޏެވެ. އެހެންކަމުން އޭނާ ވަނީ އެހެން ޑަކްޓަރަކަށް ދައްކާފައެވެ. އެ ޑަކްޓަރުގެ ޖަވާބަކަށްވީ ގުލުކޯމާ ނަމަކަށް ކިޔާ ބައްޔެއް ޖެހުމުން ލޮލުގެ ފެނުން ގެއްލުނީ ކަމަށެވެ. ގުލުކޯމާއަކީ ލޮލުގެ އެތެރޭގެ ޕުރެސަރު މަތިވުމުން ކިޔާ ނަމެކެވެ. ގިނަ ދުވަހަށް މިހެން މިކަން ހުންނަ ނަމަ ނާރުތަކަށް އޭގެ އަސަރުކޮށް ފެނުމަށް އޭގެ އަސަރު ފޯރާނެއެވެ.
ޑަކްޓަރުންގެ އެ ވާހަކަ ތަކުން ދެން ލޮލުގެ ފެނުން ނުލިބޭނޭ ކަމަށް ހީކޮށްގެން ހުރި ކޯނީގެ ލޮލާއި މެދު އެހެން ނަޒަރަކުން ވިސްނީ އޭނާގެ ދަރިފުޅެވެ. ސިއްހީ ދާއިރާއަށް ޝައުގުވެރިކަން ހުންނަ އޭނާގެ ދަރިފުޅު އޭނާގެ ލޮލުގައި އެހެން ކަމެއް އުޅޭ ކަމަށް ބުނެ އެހެން ޑަކްޓަރަކަށް ދައްކަން އެދުނެވެ. އޭނާގެ ދަރިފުޅު ކުޑައިރުގައި ފެނުމުން މަހުރޫމުވި ކޯނީގެ ދަރިފުޅު އަލުން ފެންނާނޭ ކަމަކަށް އޭނާ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ.
މިފަހަރު ކޯނީ ދެއްކީ އެހެން ޑަކްޓަރަކަށެވެ. އޭނާ ބެލުމަށްފަހު ބުނީ ލޮލުގައި ކެޓަރެކްޓު ނަމަކަށް ކިޔާ ބައްޔެއް ހުރީ ކަމަށެވެ. ކެޓަރެކްޓަކީ ލޮލުގެ ދުލިފަށުގައި އުފެދޭ ފާޑެއްގެ "މައްޓެއްގެ" ސަބަބުން އެ ދުލިފަށުގެ އަލިކަން ފުސްވާ ބައްޔެކެވެ. އެ ޑަކްޓަރު ބުނާ ގޮތުން އެ މަށިތައް ކަހާލުމުން ކޯނީ އަށް ފެންނާނެއެވެ. ކޯނީ ވަނީ އެ ކުޑަކުޑަ އޮޕަރޭޝަން ކޮށްފައެވެ. އަދި އޭނާގެ ފެނުން އޭނާއަށް ވަނީއަލުން ލިބިފައެވެ. އޭރު އޭނާގެ ދަރިފުޅު ހުރީ ބޮޑުވެ ޒުވާނަކަށް ވެފައެވެ.
ކޯނީގެ މި ހަބަރު މީޑިއާގައި އާންމުވުމުން ގިނަ ބައެއްގެ ނަފްރަތު ޑަކްޓަރުންނަށް އަމާޒުވީ އިރު ހަމަ އެހާ ގިނަ ބައެއްގެ ތާއީދު މި ޑަކްޓަރަށް ވަނީ ލިބިފައެވެ. ކޯނީގެ އެދުމަކީ ބައްޔަކާއި ބެހޭ ގޮތުން އަބަދުވެސް ގިނަ ޑަކްޓަރުންގެ ލަފާ ހޯދުމެވެ. ނޫންނަމަ އެއްވެސް ސަބަބަކާ ނުލާ އޭނާފަދައިން 15 އަހަރު ފެނުމުން މަހުރޫމުވާން ޖެހިދާނެއެވެ. އަދި އެނޫން އެހެންކަމެއްވެސް ދިމައިވެދާނެ ކަމަށެވެ.
ސިއްހީ ދާއިރާގައި ފަރުވާ ކުޑަކަމާއި އަޅާލުން ކުޑަކަމުން ހިނގާ ބައެއް މިފަދަ ހަދިސާތައް ދުނިޔޭގައި މަދެެއް ނޫނެވެ. ނަމަވެސް ޖުމުލަކޮށް ސިއްހީ ދާއިރާއަކީ ފަރުވާތެރި ކަމާއެކު އަޅާލުމާ އޯގާތެރިކަމާއެކު ދެވޭ ހިދުމަތެކެވެ.
