އިސްލާމީ އުސޫލުތަކާ އެއްގޮތަށް "ދަނޑުވެރި ނަފާ" ސްކީމް އަލުން ތައާރަފުކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ މި ސްކީމަކީ، ރާއްޖޭގެ ދަނޑުވެރިންނަށް ލުއި ފަސޭހަ ގޮތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާ ކުރުމުގެ މަގްސަދުގައި ފަރުމާކޮށްފައިވާ ސްކީމެކެވެ.
މި ސްކީމް އިސްލާމީ ޝަރީއާގެ އުސޫލުތަކަށް ފެތޭ ގޮތަށް އަލުން ބަދަލުކުރުމަކީ، އެސްއެމްއީ ޑިޖިޓަލް ފުރިހަމަ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަނަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މި ފައިނޭންސިންގެ ދަށުން ރަހުނަކާ ނުލާ 500،000 ރުފިޔާއާ ހަމައަށް އަދި ރަހުނާއެކު 1،000،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭނެއެވެ. އަހަރަކަށް %6 ގެ ރޭޓުން ދޫކުރާ މި ފައިނޭންސިން އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ދެވޭއިރު، މީގެ ތެރޭގައި 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ.
ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އަމާޒުކޮށްފައިވާ މި ސްކީމުން، ވަރޓިކަލް ގާޑްނިންގ، ޕޯލްޓްރީ، އަދި ނާސަރީ ގާއިމުކުރުން ފަދަ މަޝްރޫއުތަކަށް ފައިސާ ލިބޭނެއެވެ. އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މިއީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިވެއެވެ.
