ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި، ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) ތަކާ ގުޅިގެން ފަތްކެޔޮ އިންދުމުގެ ޕްރޮގްރާމެއް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީން ފަށައިފިއެވެ. މި ޕްރޮގްރާމުގެ ދަށުން، މިހާތަނަށް ޝައުޤުވެރިކަން ފާޅުކޮށް ޕްލޭން ހުށައެޅި ރަށްތަކުގެ ތެރެއިން، މަޢުލޫމާތު ފުރިހަމައަށް ހިއްސާކުރި ރަށްތަކަށް ފަތްކެޔޮ މުޑުވައް އަދި ގަސްކާނާ ފޯރުކޮށްދިނުމުގެ ފުރަތަމަ ބުރުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ރާއްޖޭގެ 11 ރަށަކަށް ޖުމްލަ 1865 ފަތްކެޔޮ ގަސް ވަނީ ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ހއ. އަތޮޅުގެ އިހަވަންދޫ، މާރަންދޫ، ތަކަންދޫ އަދި އުލިގަން ހިމެނެއެވެ. މީގެ އިތުރުން ހދ. އަތޮޅުގެ ކުމުންދޫ އާއި ވައިކަރަދޫ، ށ. އަތޮޅުގެ ބިލެއްފަހި، ގޮއިދޫ އަދި މަރޮށީގެ އިތުރުން ނ. އަތޮޅުގެ މާޅެންދޫ އަދި މާފަރު ހިމެނެއެވެ.
ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރުމާއި، އަމިއްލައަށް ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަށް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގައި ފަތްކެޔޮ އާލާކޮށް، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމަށް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީން މައުލޫމާތު ދެއެވެ.
