ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ބަލަން ދަނޑުތަކަށް ވަންނަ ސަޕޯޓަރުންނަށް އަމިއްލަ ފެންފުޅި ވެއްދުމުގެ ހުއްދަ ދޭން ފީފާއިން ނިންމައިފިއެވެ. ފީފާއިން ކުރިން ނިންމާފައި އޮތީ ސަލާމަތީ ސަބަބުތަކަށްޓަކައި ދަނޑުތަކަށް ބޭރުން ފެންފުޅި ވެއްދުން މަނާކުރުމަށެވެ. ނަމަވެސް، އެމެރިކާ އާއި ކެނެޑާގެ ސަޕޯޓަރުންނާއި، ނިއު ޔޯކްގެ މޭޔަރު ޒޮހްރާން މަމްދާނީގެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެން ފީފާއިން ވަނީ އެ ނިންމުން ބަދަލުކޮށް، އަމިއްލަ ފެންފުޅި ވެއްދޭނެކަން ކަށަވަރުކޮށްދީފައެވެ.
ފީފާއިން ކުރިން ނެރުނު އުސޫލުގެ ސަބަބުން ސަޕޯޓަރުން މަޖުބޫރުވީ ދަނޑު އެތެރޭގައި ހުންނަ ފިހާރަތަކުން ބޮޑު އަގުގައި ފެން ގަންނާށެވެ. މިއީ ހޫނުގަދަ ދުވަސްވަރަކަށް ވެފައި، މެޗު ފެށުމުގެ އެތައް ގަޑިއިރެއް ކުރިން ސަޕޯޓަރުން ކިއުތަކުގައި ތިބެންޖެހޭތީ، ފެން ނުލިބި ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރިއެވެ. މިކަމާ ގުޅިގެން ނިއު ޔޯކްގެ މޭޔަރު މަމްދާނީ ވިދާޅުވީ، ފެން ބުއިމުގެ ހައްގުން ސަޕޯޓަރުން މަހުރޫމްވެ، އަގު ބޮޑުވުމުގެ ސަބަބުން ފެން ނުބޮއި ތިބެންޖެހޭ ފަދަ ހާލަތެއް މެދުވެރިވާން އެދިވަޑައިނުގަންނަވާ ކަމަށެވެ.
ފީފާއިން ފަހުން ނެރުނު ބަޔާނުގައި ބުނީ، އެމެރިކާ އާއި ކެނެޑާގައި ކުޅޭ މެޗުތަކަށް ވަންނަ ކޮންމެ ސަޕޯޓަރަކަށް ވެސް، ފެކްޓްރީން ބަންދުކޮށްފައި ހުންނަ 20 އައުންސް (590 މިލިލީޓަރު) ގެ މަޑު ޕްލާސްޓިކް ފެންފުޅިއެއް އެތެރެއަށް ވެއްދުމުގެ ހުއްދަ އޮންނާނެ ކަމަށެވެ. ނަމަވެސް، ސަލާމަތީ ސަބަބުތަކަށްޓަކައި ހަރު ޕްލާސްޓިކް ނުވަތަ ދަގަނޑުން ހަދާފައި ހުންނަ، އަލުން ބޭނުންކުރެވޭ ފުޅިތައް އެތެރެއަށް ވެއްދުން އަދިވެސް އޮތީ މަނާކޮށްފައެވެ. މި އުސޫލު އެމެރިކާ އާއި ކެނެޑާގެ ދަނޑުތަކަށް ހަމަޖެއްސި ނަމަވެސް، މުބާރާތް ބާއްވާ ތިންވަނަ ގައުމު ކަމަށްވާ މެކްސިކޯގެ ދަނޑުތަކުގައި އަމަލުކުރާނެ ގޮތެއް ފީފާއިން ހާމައެއް ނުކުރެއެވެ.
