ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތާ ދިމާކޮށް ސަޕޯޓަރުންގެ "އިމޯޝަނަލް ވެލިއު" ނުވަތަ ނަފްސާނީ ހިތްހަމަޖެހުމަށް އަމާޒުކޮށްގެން، ޗައިނާގެ ކުންފުނިތަކުން އުފައްދާ މާޗަންޑައިޒްތަކަށް ދުނިޔޭގެ ބޮޑު މާކެޓެއް ލިބެން ފަށައިފިއެވެ. ވޯލްޑް ކަޕްގެ ފޭނުންނަށް ހާއްސަކޮށްގެން ޗައިނާގެ ކުންފުނިތަކުން އަންނަނީ މަޝްހޫރު ކުޅުންތެރިންގެ ސިފައަށް ހަދާފައިވާ "ޕްލަޝީސް" ނުވަތަ މަޑު ކުޅޭބުދުތައް ވަރަށް ގިނައިން ބާޒާރަށް ނެރެމުންނެވެ.
މި އުފެއްދުންތައް ވިއްކާ ކުންފުންޏެއްގެ ސީއީއޯ މީޑިއާތަކަށް ބުނި ގޮތުގައި، ލިއޮނަލް މެސީގެ ސިފައަށް ތައްޔާރުކޮށްފައިވާ ބުދުތައް ބާޒާރަށް ނެރުނުތަނާހެން އެތައް ހާސް ބުދެއް ވަނީ ވަރަށް އަވަހަށް ވިކި ހުސްވެފައެވެ. އޭނާ ބުނީ މިހާރުގެ ކަސްޓަމަރުން ހަމައެކަނި ބޭނުންތެރި އެއްޗެއްގެ ބަދަލުގައި، އެ މީހަކު ލޯބިވާ އަދި ބަލާލުމުން ހިތަށް އުފާވެރިކަން ގެނެސްދޭ ކަންކަމަށް ހަރަދުކުރަން ބޭނުންވާ ކަމަށެވެ.
މި ބަދަލާ އެކު، ޗައިނާގެ ކުންފުނިތަކުން ދަނީ ސަޕޯޓަރުންގެ ޝައުގުވެރިކަމަށް ބަލައި، ވޯލްޑް ކަޕްގެ އެކި ކުޅުންތެރިންނަށް ހާއްސަ އުފެއްދުންތައް އިތުރު ކުރަމުންނެވެ. މިފަދަ ތަކެތި ގަންނަ މީހުން ބުނާ ގޮތުގައި، މިއީ ހަމައެކަނި މުބާރާތުގެ ހަނދާނެއް ރައްކާކުރުމުގެ އިތުރުން، އެ މީހުން ސަޕޯޓުކުރާ ޓީމުތަކާ އޮންނަ ގުޅުން ބަދަހިކޮށްދޭ ކަމެކެވެ.
