ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އދ. ގެ ޕަބްލިކް ސާވިސް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ މެސެޖުގައި، މުޖުތަމައުތައް ހަރުދަނާ ކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކޮށް، އިންޓަނޭޝަނަލް ފެންވަރުގައި މުޖުތަމައުތައް ކުރިއަރުވަން ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ދައުލަތުގެ ހިދުމަތްތެރިންގެ ހިތްވަރުގަދަ މަސައްކަތްތައް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި އާންމުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާ ފަރާތްތަކަށާއި ފަސްޖެހުމެއްނެތި ދެމުންދާ ހިދުމަތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކަކީ ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ހިދުމަތް ދޭ ތަންތަނަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހާ އިސްލާހީ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. މިއީ ސަރުކާރުން އިސްކަންދޭ މުހިންމު ސިޔާސަތެއްކަން އެމަނިކުފާނުގެ ވާހަކަފުޅުން ހާމަވިއެވެ.
އދ. ގެ ޕަބްލިކް ސާވިސް ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ޕަބްލިކް ސާވަންޓުން ކުރައްވާ މަސައްކަތް ދެނެގަނެ، އެމީހުން ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރުމެވެ. މީގެ އިތުރުން، ގައުމީ ތަރައްގީއަށް ދައުލަތުގެ ހިދުމަތްތެރިންގެ ހިއްސާ ދެނެގަނެ، ޒުވާނުން ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކުގައި މަސައްކަތްކުރުމަށް ހިތްވަރު ދިނުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ މުހިންމު ބޭނުމެކެވެ.
