މާލެ ސަރަހައްދުން ހިމަބިހި (މީސްލްސް) ޖެހިފައިވާ އިތުރު ދެ މީހަކު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ. އެޗްޕީއޭއިން ބުނީ މިދިޔަ ހަފްތާގެ ތެރޭގައި އަލަށް ފެނުނު އެ ދެ ކޭސްއާ އެކު މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 22 އަށް އަރާފައެވެ.

ރާއްޖެއަކީ 2017 ވަނަ އަހަރުގެ ތެރޭގައި ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމަށް އިއުލާންކޮށްފައިވާ ގައުމެކެވެ. އޭގެ ފަހުން ވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ގައިން އެ ބަލި ފެނުނު ނަމަވެސް، މި ފަހަރު ގިނަ ދިވެހިންނަށް ބަލި ޖެހުމުން ހާލަތު ވަނީ ބަދަލުވެފައެވެ. ބަލީގެ ކޭސްތައް ފެނި އިތުރުވަމުންދާތީ އެޗްޕީއޭއިން އަންނަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބަލި ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ހިމަބިހި ވެކްސިންގެ ދެ ޑޯޒު ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ދިނުން ހިމެނެއެވެ. އޭގެ އިތުރުން، ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްދޭ މުވައްޒަފުންގެ ތެރެއިން ދެ ޑޯޒު ފުރިހަމަނުކުރާ މީހުންނަށް ވެސް ވެކްސިން އަންނަނީ ދެމުންނެވެ.

ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ ލަސްނުކޮށް ސިއްހީ އެހީ ހޯދުމަށް ހޮސްޕިޓަލަށް ދިއުމަށާއި، ހޮސްޕިޓަލަށް ދާއިރު މާސްކް އަޅައިގެން ދިއުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ. އަދި ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމާއި ބަލީގެ އަލާމާތެއް ހުރި ނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.