ސްކޫލްތަކާއި ތައުލީމީ މުއައްސަސާތަކަކީ ކުދިންނަށް އެންމެ ރައްކާތެރި މާހައުލަށް ވާންޖެހޭއިރު، އެތަންތަނުގައި ހިނގާ އަނިޔާވެރި ހާދިސާތަކަކީ މުޅި މުޖުތަމައު ސިއްސުވާލާ ކަންކަމެވެ. ބައިނަލްއަގުވާމީ މީޑިއާ، އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލިޕީންސްގައި ދާދިފަހުން ވަނީ ހިތްދަތި އަދި އަނިޔާވެރި ބަޑީގެ ހަމަލާއެއް ސްކޫލެއްގެ ތެރޭގައި ހިނގާފައެވެ. ރިޕޯޓުތަކުގައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާއަކީ އެގައުމުގައި ވަރަށް ނާދިރު، ނަމަވެސް މުޖުތަމައުގެ ބޮޑެތި މައްސަލަތަކަކަށް އަލިއަޅުވާލާ ހާދިސާއެކެވެ.
މި ހާދިސާ ހިނގާފައިވަނީ ފިލިޕީންސްގެ މެދުތެރޭގެ ހިސާބެއްގައެވެ. މި ނުރައްކާތެރި ބަޑީގެ ހަމަލާގައި ތިން ދަރިވަރަކު މަރުވެ، އިތުރު ހަތް ދަރިވަރަކު ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. ފިލިޕީންސްގައި ސްކޫލްތަކުގައި ބަޑީގެ ހަމަލާދިނުމަކީ އާންމު ކަމެއް ނޫންކަން ފާހަގަކުރަމުން، ރިޕޯޓުގައި ބުނެފައިވަނީ މީގެ ކުރިން މިފަދަ ހާދިސާއެއް އެންމެ ފަހުން ހިނގާފައިވަނީ 2022 ވަނަ އަހަރު މަނީލާ ޔުނިވަރސިޓީގައެވެ.
ފުލުހުންގެ ތަހުގީގުތަކުން އެނގޭ ގޮތުގައި، މި ހަމަލާ ދީފައިވަނީ ފުރާވަރުގެ ދެ ކުދިންނެވެ. ފުލުހުން ބުނާގޮތުގައި، މި ދެ ކުދިން މިފަދަ ލޭއޮހޮރުވުމަކަށް ދާންޖެހުނު އަސްލު ސަބަބަކީ ނުވަތަ މޯޓިވޭޝްނަކީ ސްކޫލް މާހައުލުގައި އެކުދިންނަށް ކުރިމަތިވި ބުލީކުރުމުގެ ނުވަތަ ގަނާކުރުމުގެ މައްސަލަތަކަކާ ގުޅިގެން ހިތުގައި އުފެދުނު ބޮޑު ޖަޒުބާތަކާއި ހިތްހަމަނުޖެހުމެކެވެ. ނުވަތަ ބަދަލުހިފުމުހެ ރޫހެކެވެ.
މި ހާދިސާއިން ދޭހަކޮށްދެނީ މިއަދު ދުނިޔޭގެ އެކި ކޮޅުތަކުގައި އޮތް އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލަ ކަމަށްވާ "ބުލީކުރުން" ނުވަތަ ދަރިވަރުންގެ މެދުގައި ފުރައްސާރަކުރުމުގެ ނުރައްކާތެރިކަމެވެ. ބުލީކުރުމަކީ ހަމައެކަނި ދެކުދިން ދެމެދުގައި ހިނގާ އާދައިގެ ޒުވާބެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ކުއްޖެއްގެ ނަފްސާނީ ދުޅަހެޔޮކަން މުޅިން ހަލާކުކޮށްލާ، ހިތް މާޔޫސްކުރުވައި، އަދި ބަދަލުހިފުމުގެ ރޫހެއް ހިތުގައި އުފައްދާ ނުރައްކާތެރި އަމަލެކެވެ.
ފުރާވަރުގެ ކުދިންނަށް ބުލީކުރުމުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ ހާސްކަމާއި ފިއްތުންތަކަށް އެކަށީގެންވާ ވަގުތުގައި އަޅާނުލެވިއްޖެ ނަމަ، އެކުދިންގެ ވިސްނުން ކުއްލިއަކަށް ހައްދުފަހަނައެޅި އަނިޔާވެރިކަމާ ދިމާލަށް އެނބުރިދެއެވެ. ފިލިޕީންސްގެ މި ހާދިސާއިން އެނގެނީ، ކުދިންގެ ހިތްތަކުގައި އުފެދޭ ހިތްދަތިކަން ބަޑީގެ ހަމަލާއަކަށް ބަދަލުވެ، އެހެން ކުދިންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމެވެ. އެހެންކަމުން، ކުދިންގެ ނަފްސާނީ މައްސަލަތަކަށް ދުރާލާ ހައްލު ހޯދައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ސްކޫލްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ފުލުހުންގެ ޒިންމާއެއް ނޫނެވެ. އެއީ ތައުލީމީ މުއައްސަސާތަކާއި، މައިންބަފައިން، އަދި މުޅި މުޖުތަމައު ގުޅިގެން އުފުލަންޖެހޭ ބޮޑު ޒިންމާއެކެވެ. ސްކޫލްތަކުގައި ކުދިންގެ އުޅުމަށް އަންނަ ބަދަލުތައް މުދައްރިސުން ގާތުން ބަލަންޖެހޭއިރު، ގޭތެރެއިން މައިންބަފައިންވެސް ކުދިންގެ ހިތުގެ އުދާސްތައް އަޑުއަހަންޖެހެއެވެ. ކުއްޖަކަށް ބުލީގެ ޝިކާރައަކަށް ވާންޖެހޭ ހާލަތްތަކުގައި އެހީތެރިކަން ނުލިބުމަކީ މުޅި ނިޒާމުގެ ނާކާމިޔާބީއެކެވެ.
ނިންމާލަމުން ދަންނަވާނީ، ފިލިޕީންސްގައި ހިނގި މި ހިތާމަވެރި ހާދިސާއަކީ މުޅި ދުނިޔެއަށްވެސް ލިބުނު ބޮޑު ފިލާވަޅެކެވެ. ސްކޫލްތަކުން ބުލީކުރުމުގެ އާދަ ނައްތާލުމާއި، ކުދިންގެ މެދުގައި އޯގާތެރިކަން އާލާކުރުމަކީ މިފަދަ ލޭއޮހޮރުވުންތައް ހުއްޓުވުމަށް އޮތް އެންމެ މުހިންމު މަގެވެ. ކޮންމެ ދަރިވަރަކަށްވެސް ބިރުވެރިކަމެއް ނެތް، އަމާން އަދި ރައްކާތެރި ތައުލީމީ މާހައުލެއް ހޯދައިދިނުމަކީ މިއަދު އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް ދާއިމީ ވާޖިބެކެވެ.
ހަވާލާ: އަލްޖަޒީރާ ރިޕޯޓު 2026.
