ދުނިޔޭގައި ގިނަ ބަޔަކު ތަހައްމަލުކުރަމުންދާ ލޭގެ ޕްރެޝަރު މަތިވުން ނުވަތަ ހައިޕަރޓެންޝަން އަކީ ކެއިންބުއިމުގެ އާދަތަކަށް ބަދަލުތަކެއް ގެނެސްގެން ކޮންޓްރޯލް ކުރެވިދާނެ ސިއްހީ މައްސަލައެކެވެ. "ހެލްތް ލައިން" ގައި ވާ ގޮތުން، ޗެރީ އާއި ޕްލަމް އަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭނެ، ނިއުޓްރިޝަންގެ ގޮތުން މުއްސަނދި ދެ މޭވާއެކެވެ. މި ދެ މޭވާއަކީވެސް އެއް އާއިލާއަކަށް ނިސްބަތްވާ، ނުވަތަ "ސްޓޯން ފްރުޓްސް" ގެ ގޮތުގައި ބެލެވޭ މޭވާތަކެކެވެ.
ސިއްހީ ގޮތުން ބަލާއިރު، ޗެރީސް އާއި ޕްލަމްސް އަކީވެސް ހަށިގަނޑަށް ފައިދާހުރި "އެންޓިއޮކްސިޑެންޓްސް" ގިނަ އަދަދަކަށް އެކުލެވޭ ދެ ބާވަތެވެ. އެންޓިއޮކްސިޑެންޓްސްއަކީ ހަށިގަނޑުގެ ލޭހިނގާ ނިޒާމު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށާއި، ލޭހޮޅިތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދީ، އިންފްލެމޭޝަންސް ކުޑަކޮށްދިނުމަށް އެހީތެރިވެދޭ މުހިންމު މާއްދާއެކެވެ. މި ސަބަބާ ހުރެ، މި ދެ މޭވާއަކީވެސް ހިތުގެ ސިއްހަތަށް ބަލާއިރު އެއްގޮތް ކަންތައްތަކެއް ނިއުޓްރިޝަންގެ ގޮތުން ފޯރުކޮށްދޭ ދެ އެއްޗެކެވެ.
ނަމަވެސް، ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަށް ވަކިން ޚާއްސަކޮށް ބަލާއިރު، ޗެރީސްއިން ހަށިގަނޑަށް ލިބޭ ފައިދާ އިތުރުވެގެންދެއެވެ. ސަބަބަކީ ޗެރީސްގައި ހިތުގެ ސިއްހަތަށް ފައިދާހުރި މާއްދާތައް ކަމަށްވާ ފައިބަރ، ޕޮޓޭސިއަމް، އަދި ވިޓަމިން ސީ މާ ގިނައިން އެކުލެވިގެންވުމެވެ. ޚާއްސަކޮށް ޕޮޓޭސިއަމްއަކީ ހަށިގަނޑުގައި ހުންނަ ސޯޑިއަމް ނުވަތަ ލޮނުގެ މިންވަރު ދަށްކޮށްދީ، ލޭހޮޅިތައް ހަމައަކަށް އަޅުވައިދީގެން ލޭގެ ޕްރެޝަރު ދަށްކުރުމަށް ސިއްހީ ގޮތުން އެންމެ މުހިންމު ދައުރެއް އަދާކުރާ މާއްދާއެވެ.
އަނެއްކޮޅުން ޕްލަމްސްއަކީވެސް ހަށިގަނޑަށް ބޭނުންވާ ގިނަ ފައިދާތަކެއް އެކުލެވޭ، އަދި ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭނެ މޭވާއެކެވެ. އޭގެ ނިއުޓްރިޝަނަލް ޕްރޮފައިލް ޗެރީސްއާ ދާދި އެއްގޮތް ނަމަވެސް، ލޭގެ ޕްރެޝަރު މަތިކޮށް ހުންނަ މީހުންނަށް ޕޮޓޭސިއަމް އާއި ވިޓަމިން ސީގެ މިންވަރު މަތިކޮށް ބޭނުންވާ ނަމަ، ޗެރީސް ކެއުމުން ލިބޭ ނަތީޖާ އަވަސްވެފައި ސިއްހީ ގޮތުން ބާރުގަދަވާނެއެވެ. މީގެ އިތުރުން ޗެރީސްގައި ހިމެނޭ ފައިބަރުގެ ސަބަބުން ހަށިގަނޑުގެ ކޮލެސްޓްރޯލް ލެވެލް ދަށްކުރުމަށްވެސް އިތުރު ބާރަކަށްވެއެވެ.
ޗެރީސް އަދި ޕްލަމްސްއަކީވެސް ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ކެއުމުގައި ހިމަނަން ވަރަށް ރަނގަޅު ދެ މޭވާއެވެ. ނަމަވެސް، ލޭގެ ޕްރެޝަރު މަތިވުމުގެ މައްސަލަ ހުންނަ ފަރާތްތަކުން ހިތުގެ ސިއްހަތަށް ބޭނުންވާ މުހިންމު މާއްދާތައް ގިނައިން ހޯދުމަށްޓަކައި ޗެރީސް އިޚްތިޔާރުކުރުން މާ ބުއްދިވެރިއެވެ. ހަކުރު ގިނައިން އެކުލެވޭ ޖޫހުގެ ބަދަލުގައި މިފަދަ ތާޒާ މޭވާތައް ކެއުމުގެ އާދަ އަށަގެންނެވުމަކީ ލޭގެ ޕްރެޝަރު ގުދުރަތީ ގޮތުން ހަމަހަމަ މިންގަނޑެއްގައި ހިފެހެއްޓުމަށް އެޅޭނެ އެންމެ ބޮޑު އެއް ފިޔަވަޅެވެ.
ހަވާލާ: ހެލްތް ލައިން 2026.
