ފީފާ ވޯލްޑް ކަޕް 2026 ގައި އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ލަނޑު ކާމިޔާބުކޮށް، ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ މަގާމު ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފި އެވެ. ހިއުސްޓަން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޕޯޗުގަލުން ކާމިޔާބުކުރީ 0-5 އަކުންނެވެ. މި މެޗުގައި ރޮނާލްޑޯ ދެއްކި މޮޅު ކުޅުމާއެކު، ވޯލްޑް ކަޕްގައި އޭނާ ޖެހި ލަނޑުތަކުގެ އަދަދު 10 އަށް އަރައި، ޕޯޗުގަލްގެ ތާރީޚުގައި އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ވެސް އޭނާ ހޯދި އެވެ.

މެޗަށްފަހު ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ، އޭނާގެ އަމާޒަކީ ރެކޯޑުތައް ހެދުން ނޫން ކަމަށާއި، އެންމެ މުހިންމީ ގައުމީ ޓީމަށް ކާމިޔާބު ހޯދައިދިނުން ކަމަށެވެ.

"ރެކޯޑުތަކަކީ އަބަދުވެސް ރަނގަޅު އެއްޗެހި، އެކަމަކު އަހަރެންގެ ހަގީގީ އަމާޒަކީ ޓީމަށް އެހީތެރިވުން. މި ފަހަރުގެ މެޗަކީ އަހަރެމެންނަށް ވަރަށް މުހިންމު މެޗެއް،" އޭނާ ބުންޏެވެ.

މީގެ އިތުރުން ފާއިތުވި ދުވަސްތަކުގައި އޭނާ އާއި ޓީމަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ، ފާޑުކިޔުންތަކާ ކުރިމަތިލާން އޭނާ ފަރިތަ ކަމަށެވެ.

މި މެޗުގައި ފެނިގެންދިޔަ އެންމެ ހާއްސަ އެއް މަންޒަރަކީ ޕޯޗުގަލްގެ ދެވަނަ ލަނޑު ޖެހުމުގައި ރޮނާލްޑޯ އަދާކުރި ދައުރެވެ. ހިލޭ ޖެހުމެއް ލިބުނު ވަގުތު، ލަނޑު ޖަހަން އޭނާ ތައްޔާރުވާ ކަމަށް ހީވި ނަމަވެސް، ރޮނާލްޑޯ އެ ފުރުސަތު ދިނީ ޓީމުގެ ބައިވެރިޔާ ނޫނޯ މެންޑޭޒް އަށެވެ. އެ ހަމަލާ ގޯލަށް ވަދެ، ޓީމުގެ އެއްބައިވަންތަކަން ދައްކުވައިދިނެވެ. މި ނަތީޖާއާއެކު ޕޯޗުގަލް ވަނީ މުބާރާތުގެ ކުރިއަށް އޮތް ބުރުތަކަށް ޖެހިލުމުގެ ފުރުސަތު ބޮޑުކޮށްފަ އެވެ.