ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗަށްފަހު މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހާމަކުރައްވައިފިއެވެ.

އީސްޓް ރަދަފޯޑްގެ ނިއު ޖާޒީ ސްޓޭޑިއަމްގައި ޖުލައި 19 ގައި ކުޅޭ ފައިނަލް މެޗު ބައްލަވާލެއްވުމަށްފަހު، ރައީސް ޓްރަމްޕް އާއި އިންފަންޓީނޯ އެކުގައި ޓްރޮފީ ހަވާލުކުރައްވާނެއެވެ.

މިއީ ރައީސް ޓްރަމްޕް ފީފާގެ މުބާރާތެއްގެ ޓްރޮފީ ހަވާލުކުރުމުގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެއް ނޫނެވެ. ޗެލްސީ އާއި ޕީއެސްޖީ ބައްދަލުކުރި ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލް މެޗަށްފަހު ވެސް ޓްރޮފީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޓްރަމްޕް ބައިވެރިވެވަޑައިގެންފައިވެއެވެ. މިއަހަރުގެ ވޯލްޑް ކަޕްގެ އެއްވެސް މެޗެއް ބައްލަވާލެއްވުމަށް ރައީސް ޓްރަމްޕް މިހާތަނަށް ސްޓޭޑިއަމަށް ވަޑައިގެންފައެއް ނުވެއެވެ.

މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ، ފައިނަލް މެޗު ރައީސް ޓްރަމްޕްއާ އެކު ބައްލަވާލެއްވުމަށްފަހު މުބާރާތުގެ ބަޠަލުންނަށް ރަސްމީކޮށް ޓްރޮފީ ހަވާލުކުރައްވާނީ އެމަނިކުފާނާ އެކުގައި ކަމަށެވެ. މުބާރާތުގެ ކަންކަން ކުރިއަށްދާ ގޮތް ބެއްލެވުމަށް އިންފަންޓީނޯ ގިނަ މެޗުތަކެއް ސްޓޭޑިއަމްތަކަށް ވަޑައިގެން ބައްލަވަމުންދާއިރު، ފައިނަލް މެޗު ވެގެންދާނީ މިއަހަރުގެ މުބާރާތުގައި ރައީސް ޓްރަމްޕް ދަނޑުން ބައްލަވާލައްވާ ފުރަތަމަ މެޗަށެވެ.