އޮބާމާ ޕްރެޒިޑެންޝަލް ސެންޓަރު ރަސްމީކޮށް ހުޅުވުމަށް ޝިކާގޯގައި ބޭއްވި ބޮޑު ރަސްމިއްޔާތުގައި، ކުރީގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާ ދެއްކެވި އަސަރުގަދަ ވާހަކަތަކުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. މިޝޭލްގެ ތަގުރީރުގެ ތެރެއިން އޭނާގެ ފިރިކަލުންނަށް ސީދާ އަމާޒުކޮށް ވާހަކަދައްކަވަން ފެއްޓެވުމާއެކު، ދިގު މުއްދަތެއްގެ ހަނދާންތަކާއި އިހުސާސްތައް އާވެ، އޮބާމާއަށް ކަރުނަ ހިފަހައްޓައެއް ނުލެވުނެވެ.

ތަގުރީރު ކުރިއަށްދިޔަ ވަގުތު މިޝޭލް ވަނީ "ބަރަކް، އަހަންނަށް ބަލާބަލަ،" މިހެން ވިދާޅުވެ އޮބާމާގެ ސަމާލުކަން ހޯއްދަވާފައެވެ. އެއަށްފަހު އެމީހުންގެ ދިރިއުޅުމުގެ ކުރީގެ ދުވަސްތަކާއި، ޝިކާގޯއިން ފެށުނު ދަތުރާއި، ރައީސްކަމުގެ ދުވަސްވަރު ދިމާވި ގޮންޖެހުންތަކުގައި އޮބާމާ ދެއްކެވި ސާބިތުކަމަށް މިޝޭލް ވަނީ ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ. މި ވާހަކަތަކާއެކު ސްޓޭޑިއަމްގައި ތިބި ގިނަ ބައެއްގެ ހިތްތަކަށް އަސަރުކުރުވިއެވެ.

މިޝޭލްގެ ވާހަކަ ނިންމާލުމާއެކު ބަރަކް އޮބާމާ ވަނީ ކަރުނަ ފޮހެމުން ތެދުވެ، އަނބިމީހާގެގައިގައި ބައްދާލާފައެވެ. ޝިކާގޯގައި ގާއިމުކުރި މި ސެންޓަރަކީ އޮބާމާގެ ރައީސްކަމުގެ ތާރީޚާއި، އާންމު ހިދުމަތްތަކާ ގުޅޭ މުހިންމު މަސައްކަތްތައް ދައްކުވައިދޭނެ ތަނެކެވެ. މި ރަސްމިއްޔާތުގައި ފެނިގެންދިޔަ މި އަސަރުގަދަ މަންޒަރަކީ ސޯޝަލް މީޑިއާގައި ވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ލޯބިވެތި ވަގުތުކޮޅެކެވެ.