ގައުމުގައި ހެޔޮވެރިކަމެއް ގާއިމްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ދެއްވައިފިއެވެ. މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ވައްކަން ކުރާ ސަރުކާރުތަކަށް ރައްޔިތުން ވަނީ މާޒީގައި ނޫނެކޭ ބުނެފައި ކަމަށާއި، 2023 ވަނަ އަހަރު މި ވެރިކަން ރައްޔިތުން ގެނައީ ވެސް ހެޔޮވެރިކަމެއްގެ ބޭނުމުގައި ކަމަށެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގެ ތެރެއިން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. މި ބަހުސްގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ސިނގިރޭޓްގެ އަގަށް ބަދަލުތަކެއް ގެނެސްގެން ސަރުކާރުން ވައްކަންކުރާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ވަނީ އެ ތުހުމަތުތައް ދިފާއުކޮށް ވާހަކަދައްކަވާފައެވެ.
މަޖިލީހަށް ހުށަހަޅާފައިވާ މި ބިލަކީ ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ހަމަޖައްސައި، އޭގެ އެޑްވެލޮރަލް ޑިއުޓީގެ ގޮތުގައި 30 ޕަސަންޓު ނެގުމަށް ހުށަހަޅާފައިވާ ބިލެކެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުވުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި ޕެޗް ފަދަ ތަކެތިން ޑިއުޓީ ކަނޑާލުން ވެސް މި އިސްލާހުގައި ހިމެނެއެވެ. ދުންފަތުގެ ޑިއުޓީއަށް އެންމެ ފަހުން ބަދަލެއް ގެނެސްފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
