މެދާއި ދެކުނު އޭޝިއާއަށް އެމެރިކާއިން ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބުގެ ނައިބު، ޕައުލް ކަޕޫރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލުކުރައްވައިފިއެވެ. ބޭއްވި މި ބައްދަލުވުމުގައި، ރާއްޖޭގެ ހާރިޖީ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތީން އެމެރިކާއިން ވެދޭ އެހީތެރިކަމަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ އަރުވާފައެވެ.
މި އަހަރަކީ އެމެރިކާ އާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރުކަން ފާހަގަކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރިއެވެ. އެގޮތުން، ރާއްޖޭގެ އިގުތިސާދީ ތަރައްގީއަށާއި، އިންވެސްޓްމެންޓުތައް އިތުރުކުރުމުގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ހިމެނޭހެން ދެ ގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން އެއްބާރުލުން އިތުރުކުރަން އެމެރިކާއިން ބޭނުންވާކަން ޕައުލް ކަޕޫރު ހާމަކުރެއްވިއެވެ.
އެމެރިކާގެ މަންދޫބު ރައީސް މުއިއްޒުއާ ބައްދަލުކުރެއްވިއިރު، އިއްޔެ ވަނީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއާ ވެސް ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން، ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑޭތި ކުށްތައް ހުއްޓުވުމަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އާއި އިމިގްރޭޝަންސް އެންޑް ކަސްޓަމްސް އެންފޯސްމަންޓު (އައިސް) އާއެކު ދިވެހި ފުލުހުން ވަނީ އިއްޔެ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ޓެރަރިޒަމާއި، މަސްތުވާތަކެތީގެ ވިޔަފާރި އަދި ސައިބާ ކްރައިމް ފަދަ ކުށްތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
