މި އަހަރުގެ "މިސް ޔުނިވާސް ރާއްޖެ 2026" ގެ މަގާމު އާމިނަތު ޔުއިން މުހައްމަދު ކާމިޔާބުކޮށްފިއެވެ. އޭނާ މި މަގާމު ކާމިޔާބުކުރިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި މިސް ޔުނިވާސް ޕޭޖަންޓްތަކުގެ މައުލޫމާތު ގެނެސްދޭ ފަރާތްތަކުންނެވެ.

މި ކާމިޔާބީއާއެކު، ޕުއެރްޓޯ ރިކޯގައި މި އަހަރު ބާއްވާ 75 ވަނަ އިންޓަނޭޝަނަލް މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ ޔުއިންއެވެ. މިއީ ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވާ ބޮޑު މުބާރާތަކަށް ވާއިރު، މިފަދަ ބޮޑު ޕްލެޓްފޯމެއްގައި ރާއްޖޭގެ ނަން އިއްވާލުމަށް އޭނާއަށް ވަނީ މުހިންމު ފުރުސަތެއް ލިބިފައެވެ.

ޔުއިންއަށް މި ފުރުސަތު ލިބުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އޭނާއަށް މަރުހަބާ ކިޔައި، ހިޔާލު ފާޅުކުރަމުންނެވެ. އެގޮތުން ބައެއް މީހުން އޭނާއަށް ހިތްވަރު ދެމުން އަންނައިރު، މިފަދަ މުބާރާތްތަކުގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން އާންމުންގެ މެދުގައި ތަފާތު ބަހުސްތައްވެސް ދަނީ ކުރެވެމުންނެވެ.