"ޕެގަސަސް ސްޕައިވެޔާ" ނަމަކަށް ކިއުނު ކޭސް އާއި ގުޅިގެން ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން އޭނާގެ ފޯނާއި ފޯން ނަންބަރު އެއްކޮށް ބަދަލުކޮށްފި އެވެ.
މެކްރޮން ފޯނާއި ފޯން ނަންބަރު ބަދަލުކޮށްފައިވާކަން ހާމަކުރައްވައި މެކްރޮންގެ އޮފިޝަލަކު މީޑިޔާއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިއީ ހެކް ކުރުމުގެ މައްސަލައާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.
އަދި އިތުރަށް ވިދާޅުވީ މެކްރޮން ތަފާތު އެތައް ނަންބަރެއް ގެންގުޅުއްވާ ކަމަށާއި މިއީ އެމަނިކުފާނަށް ބަޔަކު ފާރަލާފައިވާތީ ކުރި ކަމެއް ނޫން ކަމަށެވެ.
ފްރާންސްގެ ސަރުކާރުގެ ތަރުޖަމާނު ގެބްރިއަލް އަތާލް ވިދާޅުވީ ރައީސްގެ ސަލާމަތީ ކަންކަން ކުރިޔަށްގެންދާގޮތުގެ އޮނިގަނޑަށްވެސް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގެ ނޫސްވެރިންގެ ފޯނުތަކާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުގެ ފޯނުތަކާއި ސަރުކާރުތަކުގެ އޮފިޝަލުންގެ ފޯނުތައް ހެކްކުރުމުގެ މައްސަލަ ބޮޑުވެ، އެ ކަންކަން ދުނިޔޭގެ ސަމާލުކަމަށް މިހާރު ވަނީ އައިސްފަ އެވެ.
ޕެގަސަސް އަކީ އިސްރާއީލުގެ އެންއެސްއޯ ގްރޫޕުން އުފައްދާފައިވާ ސޮފްޓްވެއާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ސޮފްޓްވެއާ އުފެއްދި ގްރޫޕުން ބުނާގޮތުގައި މި ސޮފްޓްވެއާ ވިއްކަނީ ކުށްތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވުމަށާއި ޓެރެރިޒަމް ހުއްޓުވުމަށް މަސައްކަތްކުރުމަށް ސަރުކާރުތަކަށް އެހީތެރިވުމަށް ކަމަށްވެސް ރިޕޯޓުތަކުން ހާމަ ކުރެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ނަހަމަގޮތުގައި މި ސޮފްޓްވެއާ ބޭނުންކުރާކަން އެ ގުރޫޕުން ފާހަގަކުރެއެވެ.
އިންޑިޔާގެ ސަރުކާރުން ވެސް މި ސޮފްޓްވެއާ ބޭނުން ކޮށްގެން އިދިކޮޅު ސިޔާސީ ލީޑަރުންނާއި ބައެއް ނޫސްވެރިންނަށް ވެސް ފާރަލާފައިވާ ކަމަށް މީޑިއާތަކުގައި މިފަހުން ވަނީ ރިޕޯޓް ކޮށްފައެވެ.
