އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ތަރި ހެރީ ކޭން ރޫހާނީ ބާރެއްގެ ދަށުން "މިނިވަންކޮށްފި" ކަމަށް ގާނާގެ ސިހުރުވެރިއެއް ކަމަށްވާ ނާނާ ކުވާކު ބޮންސާމް ދައުވާކޮށްފިއެވެ. ރިޕޯޓްތަކުގައިވާ ގޮތުން، އޭނާ މިކަން ހާމަކުރީ ވޯޑްކަޕް ގެ މެޗެއްގައި އިނގިރޭސިވިލާތާއި ގާނާ ކުޅެ އެއްވަރުވި މެޗަށްފަހުއެވެ.
މި ސިހުރުވެރިޔާ ބުނިގޮތުގައި، އެ މެޗުގައި ހެރީ ކޭންއަށް ގޯލެއް ނުޖެހޭނެކަން އޭނާ ކުރިންވެސް އޮތީ އާއްމުކޮށް އިއުލާނު ކޮށްފައެވެ. ނަމަވެސް، މިހާރު އޭނާ ކޭންގެ މައްޗަށް އޮތް ރޫހާނީ ނުފޫޒުތައް ނައްތާލައި "މިނިވަން" ކޮށްފައިވާތީ، ކުރިއަށް އޮތް މެޗުތަކުގައި އިނގިރޭސި ފޯވާޑަށް ފަސޭހަކަމާއެކު ލަނޑު ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރެއެވެ.
މި ހަބަރާއެކު ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ. މިއީ ހަމައެކަނި ދިމާވި އިއްތިފާގެއްތޯ ނުވަތަ ކޮންމެހެން ގަބޫލުކުރަންޖެހޭ ކަމެއްތޯ ސުވާލު އުފައްދަމުން، ގިނަ ބަޔަކު ބުނަނީ ފުޓްބޯޅައިގެ ދުނިޔެއަކީ އަބަދުވެސް މިފަދަ ހައިރާންކުރުވަނިވި ވާހަކަތަކުން ފުރިގެންވާ ދާއިރާއެއް ކަމަށެވެ. އަދި ގާނާ އަކީ ސިހުރާއި މިފަދަ ރޫހާނީ ކަންކަމުގައި އަރާހުރި ގައުމެއްކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ. އަދި އެފްރިކާގެ ފުޓުބޯޅައަކީވެސް މިފަދަ ކަންކަމުން ގަޑުބަޑުވެފަ އޮތް ފުޓުބޯޅައެއްކަމަށްވެސް މީސްމީޑިޔާގައި ގިނަބަޔަކު ދަނީ ބުނަމުންނެވެ.
