ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބިފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ވެނުޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒަށް ހަމްދަރުދީ ފޮނުއްވައި، ތައުޒިޔާ ވިދާޅުވެއްޖެއެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ވަނީ ވެނުޒުއޭލާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މެސެޖެއް ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ވެނެޒުއޭލާއަށް އައި ބިންހެލުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، އަދި ގެދޮރާއި ބިނާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވެފައިވެއެވެ. މި ބާރުގަދަ ބިންހެލުމުގެ ސަބަބުން އެ ގައުމުގެ ގިނަ ސަރަހައްދުތަކަކަށް ވަނީ ބޮޑެތި ހަލާކުތަކެއް ލިބިފައެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވެނެޒުއޭލާގެ ވަގުތީ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް އިހްލާސްތެރި ތައުޒިޔާ ރައްދުކުރައްވާފައެވެ. އަދި މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް އިހްލާސްތެރި ހަމްދަރުދީ ފޮނުއްވައި، މި ދަތި އަދި ހިތާމަވެރި ދަނޑިވަޅުގައި އެ ފަރާތްތަކަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުން އެދި ދުއާކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ. އަދި ބިންހެލުން އައި ސަރަހައްދުގައި މިހާރު ކުރިއަށްދާ މީހުން ސަލާމަތްކުރުމާއި އާންމު ހާލަތަށް ގެނައުމުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެން، ރާއްޖެއިން އެ ގައުމާއެކު ސާބިތުކަމާއެކު އޮތްކަން ހާމަކުރައްވާފައެވެ.
