ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ ނުފޫޒުން އެއްކިބާވެގެން ހިންގާ މަޝްރޫއެއްކަމުގެ ޔަގީންކަން ދެއްވައި، ފްލެޓް ނުވަތަ ގޯތި ދޫކުރުމުގައި ވަކި މީހަކަށް ނުވަތަ އާއިލާއަކަށް އިސްކަންދިނުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުން ކުރިއަށްގެންގޮސްފައިވާ މިފަދަ މަޝްރޫއުތަކުގައި ނުފޫޒު ފޯރުވާފައި އޮތްނަމަވެސް، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އަދި ނުފޫޒު ގަދަ ފަރާތްތަކުން ބޭނުންވާ މީހުންނަށް ގޯއްޗާއި ފްލެޓް ލިބޭ ވާހަކައަކީ އަބަދުވެސް ދެކެވެމުންދާ ވާހަކައެއްކަން ފާހަގަކުރައްވައި، އެކަން ނިމުމަކަށް ގެންނައުމަކީ އެމަނިކުފާނު އެންމެ އިސްކަންދެއްވާ ކަންތައް ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ. މި ސިޔާސަތުގެ ދަށުން ފްލެޓަށް އެދި 35،900 އަށްވުރެ ގިނަ އެޕްލިކޭޝަން އަދި ގޯއްޗަށް އެދި 22،000 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ.

"އެވަރުގެ ބޮޑު ކަމެއްގެ ތެރޭގައި އެއްވެސް ވަރެއްގެ ނާޖާއިޒްކަމެއް ހިނގައި، އަދި އެއްވެސް ކަމެއްގައި، ވަކި ކުޑަކަމެއްގައިވެސް ހިނގައިގެން ނުވާނެކަމަށް ގަބޫލުކުރަނީ. މިހާރު މިހިނގާ ވެރިފިކޭޝަންގެ ތެރޭގެއިންވެސް ވަރަށް ބޮޑަށް ބަލާނަން އެކަންތައް ރަނގަޅަށް ގެންދެވޭތޯ. އިރާދަކުރެއްވިއްޔާ ދާނީ ރަނގަޅަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވެރިފިކޭޝަންގެ މަސައްކަތް ކުރާ ފަރާތްތަކުންވެސް ނުފޫޒު ފޯރުވުމުގެ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ބުނި ގޮތުގައި މިއަހަރުގެ ތެރޭގައި ހައުސިންގެ ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމުން، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިމި، އާންމުންނަށް ވަގުތުން އެތަންތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.