މާލީ އިދާރާތަކުން ދޭ ލަފާ ސަރުކާރުން އަބަދުވެސް ބަލައިގަންނަ ކަމަށާއި ނަމަވެސް ގައުމު ތަރައްގީވަމުން އަންނައިރު ރައްޔިތުން އެދޭ އަސާސީ ހިދުމަތްތަކާއި ކަންކަން ހުއްޓާލައިގެން ކުރިއަށް ނުދެވޭނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ "ޕްރެސަރ ވިތު ދަ ސްޕޮކްސް" ސިލްސިލާގެ މިއަދުގެ ބައްދަލުކުރެއްވުމުގައި، ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ތަރުޖަމާނު ވިދާޅުވީ މާލިއްޔަތު ރަނގަޅު ކުރަމުން އިގުތިސާދީ މަސައްކަތްތައްވެސް ކުރަންޖެހޭ ކަމަށާއި އެކަމަށް ފުރުސަތު ހޯދަންޖެހޭ ކަމަށެވެ. އަދި މާލީ އިދާރާތަކަށް މުހިންމު ވާނީ ހިސާބުތައް ނުވަތަ ފައިނޭންޝަލްސް ކަމަށް ވިޔަސް، ސަރުކާރުން ކުރިއަށްދާނީ މިކަންކަމުގައި ބެލެންސް ކުރައްވައިގެން، ކަންކަން ކުރެވޭނެ އެންމެ ފަހިގޮތް ހޯއްދަވައިގެން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އިމާރާތްތަކާއި މަޝްރޫއުތައް ތަރައްގީ ކުރަމުންދާއިރު، މީހުން ބިނާކުރުމަކީ ދޫކޮށްލާފައި ދެވޭނެ އެންމެ ވަރުގަދަ ލެގަސީކަން ފާހަގަކުރައްވައި، ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ މުހިންމު ތަސައްވުރެއް ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ. މި ޕްރޮގްރާމުގެ ތިން ބުރުން މިހާތަނަށް ޖުމްލަ 1,052 ފަރާތަކުން ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.
