މާލޭގެ މައްޗަންގޮޅީ ސަހަރާގެ ފާރުގައި ލައްގާފައި ގޮދަޑިއެއް ބެހެއްޓި މީހަކު ހޯދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ. ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މަގުމަތީގައި އެ ބޮޑު ގޮދަޑި ބެހެއްޓުމުގެ ސަބަބުން ހިނގާ ބިނގާވެއުޅޭ ޕޭވްމަންޓުން ބައެއް ބަންދުވެފައިވާ ކަމަށެވެ.
މާލޭގެ މަގުތަކަށް މިގޮތަށް ކުނި އަޅާ މީހުން ފާހަގަވާ ނަމަ، އެކަމުގެ ފޮޓޯ އާއި ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުވުމަށް ކައުންސިލުން ވަނީ އެދިފައެވެ. މީގެ އިތުރުން ކައުންސިލްގެ ހޮޓްލައިން 1622 އަށް ގުޅައިގެންވެސް މިފަދަ މައްސަލަތައް ރިޕޯޓް ކުރެވޭނެއެވެ.
ގޭތެރޭގައި ގެންގުޅޭ ބޮޑެތި ސާމާނު ބާވުމުން މަގުތަކަށް ނެރެފައި ބަހައްޓާ މައްސަލަ މާލޭގައި ވަނީ ވަރަށް ބޮޑުވެފައެވެ. ކައުންސިލުން ބުނިގޮތުގައި މަގުތައް ސާފުކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުންދާ އިރު، ގަވާއިދާ ހިލާފަށް ކުނި އަޅާ މީހުން ހޯދައި ބައެއް ފަހަރު ޖޫރިމަނާވެސް ކުރެއެވެ.
