ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންޓަނޭޝަނަލް ބާޒާރުތަކަށް ވަނުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި އަލިބާބާ އާއި ޕޭޕަލްގެ ހިދުމަތް ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކުދި ވިޔަފާރިތަކަކީ ރަށްރަށުގެ ކުރިއެރުމާއި ފުރުސަތުތައް ފަހިކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ރާއްޖޭގެ އިގްތިސާދުގެ ބާރު ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި ސަރުކާރުން އަލަށް ފެށި "މޯލްޑިވްސް 2.0" މަޝްރޫއާއެކު ކުދި ވިޔަފާރިތަކަށް މާލީގޮތުން ބޭނުންވާ އެހީތެރިކަން ލިބުމުގެ މަގު ފަހިވެ، ދުނިޔޭގެ ބާޒާރުތަކާއި ގުޅާލެވޭނެއެވެ. މި މަސައްކަތުގައި ކަލްޗުރަލް ސެންޓަރުތަކާއި، ކްރިއޭޓަރު ހަބް އަދި އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގ އިން މުހިއްމު ދައުރެއް އަދާކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިއަހަރާއި އަންނަ އަހަރަކީ ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ އަހަރުތައް ކަމުގައި ކަނޑައަޅުއްވައި، އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
"މޯލްޑިވްސް 2.0" އަކީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށް އޮތް 3 އަހަރަށް ހިންގާ މަޝްރޫއެކެވެ. މިއީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން ޓެކްނޮލޮޖީގެ އެހީގައި ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ފެށި ޕްރޮގްރާމެކެވެ. މި މަޝްރޫއުގެ ސަބަބުން ސަރުކާރުގެ ހިދުމަތްތައް "ސްމާޓް" ވެ، ކޮރަޕްޝަން ނައްތާލައި ދެފުށް ފެންނަ ގޮތަށް ހިންގުން ބަދަލުކުރުމަށް މަގުފަހިވާނެއެވެ.
