ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލްގެ އުފެއްދުންތަކަށް ބޭނުންވާ މެމޮރީއާއި ސްޓޯރޭޖް ސާމާނުގެ އަގުތައް އިންތިހާއަށް އުފުލުމާ ގުޅިގެން އެ ކުންފުނީގެ އުފެއްދުންތަކުގެ އަގުތައް ބޮޑުކުރަން ނިންމައިފިއެވެ. އެޕަލްގެ ސީއީއޯ ޓިމް ކުކް "ވޯލް ސްޓްރީޓް ޖާނަލް" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ސްޓޯރޭޖް އަދި މެމޮރީ ކޮމްޕޯނެންޓްތަކުގެ އަގު މިގޮތަށް މަތިވުމަކީ "ސަތޭކަ އަހަރުގެ ތެރޭގައިވެސް އަންނަ ފަދަ ބޮޑު ފެންބޮޑުވުމެއް" ފަދަ ކަމެއް ކަމަށެވެ.

ޓިމް ކުކް ހާމަކުރެއްވި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ޓެކްނޮލޮޖީ އުފެއްދުންތަކަށް ބޭނުންވާ މައިގަނޑު ސާމާނުގެ އަގުތައް މަތިވަމުންދާތީ، ކުންފުނީގެ އުފެއްދުންތައް މާކެޓަށް ނެރޭ އަގުތަކަށް ބަދަލުތަކެއް ގެނައުމަކީ މަޖުބޫރު ކަމެކެވެ. މި ބަދަލާއެކު ކުރިއަށް އޮތް ތަނުގައި ނެރޭ އެޕަލްގެ ފޯނުތަކާއި އެހެނިހެން ސާމާނުތަކުގެ އަގުތައް މަތިވާނެއެވެ.

އެޕަލް އިން އަގުތައް ބޮޑުކުރަން ނިންމި ނަމަވެސް، މިއީ ކޮން ބާވަތްތަކެއްގެ އުފެއްދުންތަކަކުން އަދި ކިހާ ޕަސަންޓެއްގެ ބަދަލެއްކަން އެ ކުންފުނިން ރަސްމީކޮށް އަދި ހާމައެއް ނުކުރެއެވެ. ޓެކްނޮލޮޖީ ދާއިރާގެ ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މިއީ މުޅި ދުނިޔޭގެ ސަޕްލައި ޗެއިނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅިގެން ނިންމި ނިންމުމެކެވެ.