ދެކުނު ލުބުނާނުގެ އަވަށްތަކަށް އިސްރާއީލުން ކުޑަކުދިންގެ ކުޅޭއެއްޗެހީގެ ސިފަޔަށް ބަދަލުކޮށްފައިވާ ކްލަސްޓާ ބޮންތަކެއް އަމާޒުކުރަމުންދާ ކަމަށް ބުނެ އެ ސަރަހައްދުގެ އިދާރާތަކުން ބޮޑު އިންޒާރެއް ނެރެފިއެވެ. މި ނުރައްކާތެރި ގޮވާއެއްޗެހި ފަރުމާކޮށްފައިވަނީ ކުޑަކުދިން ކުޅެން ބޭނުންކުރާ ކުޑަ ފުޓްބޯޅައެއްގެ ސިފަޔަށެވެ. މިއީ ސީދާ ލުބުނާނުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ދެމުންދާ ހަމަލާތަކެއްގެ ގޮތުގައި ރިޕޯޓްތައް ބުނެއެވެ.

ދެކުނު ލުބުނާނުގެ ބާޒޫރިއްޔާ މުނިސިޕަލްޓީން ވަނީ އެ ސަރަހައްދުގެ އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުން މިކަމަށް ނުހަނު ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ކުޅޭއެއްޗެހީގެ ސިފައިގައި ހުންނަ މިފަދަ ކްލަސްޓާ ބޮންތައް ފެންނަމުންދާތީ، އާއިލާތަކުން އެމީހުންގެ ދަރިންނާއި ކުޑަކުދިން މިފަދަ ތަކެއްޗާ ދުރަށް ދިއުމަށް ވަނީ އަންގާފައެވެ. ހާއްސަކޮށް މަގުމަތިންނާއި ހާމަ ބިންތަކުން ފެންނަ ބޯޅަ ސިފަޔަށް ހުންނަ ނުވަތަ ގޮތްނޭނގޭ އެއްވެސް އެއްޗެއްގައި އަތްނުލުމަށް ބާޒޫރިއްޔާ މުނިސިޕަލްޓީން އިންޒާރުދެއެވެ.

މީގެ އިތުރުން، އާންމު ރައްޔިތުންނަށް މިފަދަ އެއްވެސް ކަހަލަ ޝައްކުކުރެވޭ އެއްޗެއް ފެނިއްޖެ ނަމަ، ވަގުތުން އެކަން ސިފައިންނަށް ރިޕޯޓްކުރުމަށް އިދާރާތަކުން ވަނީ އެދިފައެވެ. މި ހަމަލާތަކަކީ ކުޑަކުދިންނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށާއި އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ރާވައިގެން ހިންގާ ނުރައްކާތެރި އަމަލުތަކެއްގެ ގޮތުގައި ދަނީ ސިފަކުރެވެމުންނެވެ.