ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ގެދޮރާއި، ކިޔަވަމުންދިޔަ ސުކޫލުގެ އިތުރުން މައިންބަފައިން ގެއްލިފައިވީ ނަމަވެސް، އުމުރުން 18 އަހަރުގެ ދާނާ ޝަބާތު ދަނީ އޮންލައިންކޮށް ގާޒާގެ ހައިސްކޫލް ނިންމާ އިމްތިހާންތައް ފުރިހަމަކުރަމުންނެވެ. އަލްޖަޒީރާއިން އާންމުކޮށްފައިވާ ގޮތުގައި، ދާނާ މިހާރު ދިރިއުޅެމުންދަނީ ޑެއިރް އަލް-ބަލާހް ގައި ހުރި ފޭލިގެއެއްގައެވެ. އޭނާ ކޮންމެ ދުވަހަކުވެސް އެއް ގަޑިއިރު ވަންދެން ހިނގާފައި ކެފޭއަކަށް ދަނީ އިމްތިހާނުގައި ބައިވެރިވުމަށް ބޭނުންވާ ރަނގަޅު އިންޓަނެޓް ކަނެކްޝަނެއް ހޯދުމުގެ ބޭނުމުގައެވެ.
ދާނާ ކިޔަވަމުންދާ ގިނަ މާއްދާތަކަކީ އެއްވެސް އެހީތެރިކަމެއް ނެތް އަމިއްލައަށް ދަސްކުރި މާއްދާތަކެއް ނަމަވެސް، އޭނާގެ ބޮޑު އުންމީދަކީ ބޭރު ގައުމަކުން ސްކޮލަޝިޕެއް ހޯދުމެވެ. އޭނާގެ ތައުލީމަށްޓަކައި ބައްޕަ ވަނީ އެމީހުންގެ އަތުގައި ހުރި މަދު އެއްޗަކުން ބޮޑު ގުރުބާނީއެއްވެފައެވެ. ދާނާ ބުނި ގޮތުގައި އޭނާގެ ހަޔާތުގެ އެންމެ މުހިންމު މަރުހަލާ މިފަދަ ބިރުވެރި އަދި ދަތި ހާލަތެއްގައި ހޭދަކުރަންޖެހިދާނެ ކަމަށް ދުވަހަކުވެސް ހީކޮށްފައެއް ނުވެއެވެ.
އަސަރާއެކު ދާނާ ފާހަގަކުރި ގޮތުގައި، އޭނާގެ ހަމައެކަނި ދުއާއަކީ ފޭލިގެތަކުގައި އެމީހުން އުފުލަމުންދާ މި ވޭނީ ތަހައްމަލުތަކަށް އަވަސް ނިމުމެއް އައުމެވެ. އަދި އޭނާގެ މަރުވެފައިވާ މައިމީހާ އަބަދުވެސް ދެކެން ބޭނުންވި ފަދަ ކާމިޔާބު އިންސާނަކަށް ވުމަކީ ދާނާގެ އެންމެ ބޮޑު އަޒުމެވެ. ހަނގުރާމައިގެ ސަބަބުން ގާޒާގެ ތައުލީމީ ނިޒާމު މުޅިން ސުންނާފަތިވެފައިވީ ނަމަވެސް، ދާނާ ފަދަ އެތައް ކުދިންނެއް ދަނީ ކުރިއަށްދިއުމަށް މެދުކެނޑުމެއްނެތި ހިތްވަރު ދައްކަމުންނެވެ.
