ޕެސިފިކް ކަނޑުގެ ސަރަހައްދުގައި އެލްނީނޯ އުފެދިފައިވުމާއެކު، އޭގެ ބާރުމިނާއި އެކަން ދިމާވާ ދަނޑިވަޅުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރަށާއި މޫސުމަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ. މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މި ބަދަލުތަކާއެކު ރާއްޖޭގެ މޫސުމަށް ކުރަމުންދާ އަސަރުތައް މިހާރު ވަރަށް ކައިރިން މޮނިޓަރު ކުރަމުންދާ ކަމަށެވެ.
އެލްނީނޯއަކީ ކަނޑުގެ ސަތަހައިގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވުމުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ މޫސުމީ ހާލަތެކެވެ. މީގެ ސަބަބުން ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުތަކުގެ ލޮނުގަނޑުގެ ހޫނުމިން އާންމު މިންގަނޑަށްވުރެ މަތިވެ، ދުނިޔޭގެ ވައިގެ ދައުރުވުމާއި ވާރޭވެހޭ ގޮތަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އާންމު ގޮތެއްގައި މީގެ އަސަރު 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދެއެވެ.
މެޓް އޮފީހުން ފާހަގަކުރި ގޮތުގައި އެލްނީނޯގެ ސަބަބުން ބައެއް މަސްމަހު އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ ގިނައިން ވާރޭވެހޭ އިރު، އަނެއްބައި މަސްމަހު ވާރޭވެހޭ މިންވަރު މަދުވެއެވެ. އަދި ކޮންމެ އެލްނީނޯ އަހަރެއްގައިވެސް މޫސުމަށް ކުރާ އަސަރުތައް އެއްގޮތް ނުވެދާނެއެވެ.
ރާއްޖޭގެ މޫސުމަށް ނުފޫޒު ފޯރަނީ ހަމައެކަނި އެލްނީނޯއިން އެކަނި ނޫންކަން ފާހަގަކުރަމުން މެޓް އޮފީހުން ބުނީ، އިންޑިއަން އޯޝަން ޑައިޕޯލް އަދި މެޑަން ޖޫލިއަން އޮސިލޭޝަން ފަދަ މޫސުމީ އެހެން ކަންތައްތަކުންވެސް ރާއްޖެއަށް ވާރޭވެހޭ މިންވަރަށް އަސަރު ކުރާ ކަމަށެވެ. އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކަށް އާންމުން ސަމާލުވުމަށް އެ އިދާރާއިން އެދެއެވެ.
