ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ގެނައުމަކީ މީގެކުރިން އެއްގޮތަކަށް ވެސް ހާސިލުނުވެ އޮތް ބޮޑު ކާމިޔާބީއެއް ކަމަށާއި، މި ހިދުމަތް ތައާރަފުކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 3،000 އަށް ވުރެ ގިނަ މީހުން އެ ހިދުމަތާ ގުޅިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތީރު މީޑިއާއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވިގޮތުގައި މިއަދާ ހަމައަށް 3،280 މީހަކު ޕޭޕަލްއާ ލިންކުކޮށްފައިވާ އިރު، އޭގެ ތެރެއިން 2،159 މީހަކު ވަނީ ޕޭޕަލް ވޮލެޓު އެކްޓިވޭޓުކޮށްފައެވެ. މި މަހުގެ 15 ވަނަ ދުވަހު ރާއްޖެއަށް ރަސްމީކޮށް ޕޭޕަލް ތައާރަފުކުރީ އުރީދޫގެ ޑިޖިޓަލް ވޮލެޓު 'އެމް-ފައިސާ' މެދުވެރިކޮށެވެ. މި ހިދުމަތުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ބޭރު ގައުމުތަކުގެ ކަސްޓަމަރުންނަށް ތަކެތި ވިއްކައި، އޭގެ ފައިސާ ފަސޭހަކަމާއެކު ލިބިގަތުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ޕޭޕަލްގެ ހުރިހާ ފީޗާސްތަކެއް އަދިވެސް ލިބެން ނެތުމާއި ޕްލޭ ސްޓޯރުން އެޕްލިކޭޝަން ނުފެންނަ ކަމުގެ ޝަކުވާތަކާ ގުޅޭގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ މިއީ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި މި ހިދުމަތުގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ހާސިލުކުރެވޭނެ އިތުރު ކަންކަން އެބަހުރި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ މި ޕޭމަންޓް ސިސްޓަމް ރާއްޖެއަށް ތައާރަފުވުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.