މަޑަގަސްކަރައިގެ ރައީސް އަންދުރޭ ރާޒުއެއްލާ އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި ފަރަންސޭސިވިލާތުގެ ރައްޔިތެއް ހައްޔަރުކޮށްފިއެވެ.
މަޑަގަސްކަރައިގެ ޢާންމު ސަލާމަތާބެހޭ ވުޒާރާއިން ބުނީ އެ ގައުމުގެ ރައީސް އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 6 މީހުންގެ ތެރެއިން އެކަކީ ސީދާ ފަރަންސޭސިވިލާތުގެ ރައްޔިތެއްކަމަށާއި އިތުރު ދެ މީހެއްގެ އަތުގައި ފަރަންސޭސިވިލާތާއި މަޑަގަސްކަރައިގެ ޕާސްޕޯޓުވެސް އޮތްކަމަށެވެ. އަނެއް ތިން މީހުންގެ އަތުގައި އޮތީ މަޑަގަސްކަރައިގެ ޕާސްޕޯޓެއްކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ. އަދި އެ މީހުން ހައްޔަރުކޮށްފައިވަނީ މަސްދުވަހަށް ދިގުދެމިގެންދިޔަ ތަހުގީގަކަށްފަހުކަމަށާއި ހައްޔަރުކޮށްފައިވާ 6 މީހުންގެ ތެރެއިން 2 މީހުންނަކީ މީގެ ކުރިން ފަރަންސޭސިވިލާތުގެ އަސްކަރިއްޔާގައި މަސައްކަތްކޮށްފައިވާ 2 މީހުން ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި މަޑަގަސްކަރަ ވަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. އެ ގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި ރާޒުއެއްލާ ވެރިކަމަށް ވަޑައިގެންފައިވަނީވެސް ސިޔާސީ ބޮޑެތި ހަމަނުޖެހުންތަކެއް އެގައުމުގައި ހިނގަނިކޮށެވެ.
