ފަރަންސޭސިވިލާތުގެ ތޮމްބްލެއިންގައި އާދީއްތަ ދުވަހު މަތިންދާބޯޓެއް ވެއްޓި، އޭގެއިން ދަތުރުކުރި ހުރިހާ ފަޅުވެރިންނާއި ފަސިންޖަރުން މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އެ ގައުމުގެ ރައީސް އެމަނުއެލް މެކްރޯން އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ބޯޓުން ދަތުރުކުރި ހުރިހާ އެންމެންގެ ފުރާނަ ގެއްލުނު މި ހިތާމަވެރި ހާދިސާގެ ހަބަރު އަޑުއެއްސެވީ ކުއްލި ސިހުމަކާއި ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެއެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ފަރަންސޭސިވިލާތުގެ ރައީސަށާއި ސަރުކާރަށް، އަދި ހާއްސަކޮށް މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ވަރަށް އިހުލާސްތެރި ތައުޒިޔާ ރައީސް ވަނީ ރައްދުކުރައްވާފައެވެ.

މީގެ އިތުރުން، މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ ފަރަންސޭސި ރައްޔިތުންނާއެކު ކަމުގެ ޔަގީންކަން ދެއްވަމުން، މި މަތިންދާބޯޓު ވެއްޓެން މެދުވެރިވި ސަބަބު ދެނެގަތުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ކުރިއަށްގެންދާ ތަހުގީގަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.