ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ސިންދަފާތު ކުރުމުގެ ގޮތުން، "ޑައިމަންޑް ބެކް ސްކުއިޑް" (ތުތި ބޯވަދިލަމަސް) ގެ މަސްވެރިކަމާއި، އަގުއެއްކުރި މަހުގެ އުފެއްދުންތައް ތައްޔާރުކޮށް ކުދި ވިޔަފާރި ހިންގުމުގެ ދާއިރާއިން ހާއްސަ ކުރު ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. ރަށު ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދާ މި ތަމްރީނުތަކުގެ މައިގަނޑު މަގުސަދަކީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވުމާއި، އައު މަސްވެރިކަމެއް ތައާރަފުކޮށްދިނުމުގެ އިތުރުން މި ސިނާއަތުގައި ކަނބަލުންގެ ހިއްސާ އިތުރުކުރުމެވެ.
މި ޕްރޮގްރާމްތަކުގެ ތެރެއިން ރަށު ފެންވަރުގައި މަސްވެރި އުފެއްދުންތައް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް ތައްޔާރުކުރާނެ ގޮތްތަކާއި، އައު ބާވަތްތައް އުފައްދައިގެން އިތުރު މާކެޓުތައް ހޯދާނެ ގޮތްތައް ދަސްކޮށްދެވޭނެއެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބާނާ މަހުގެ ބޮޑު އިންސައްތައެއް އަގުއެއްކުރި މަހުގެ ގޮތުގައި ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓުކުރުން ކަމަށްވާއިރު، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން އަމިއްލަ ރަށުގައި ތިބެގެން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އެ ވުޒާރާއިން ގަބޫލުކުރެއެވެ.
މި ތަމްރީނުތައް އެ ރަށެއްގައި ހިންގުމަށް ޝައުގުވެރިވާ ރަށު ކައުންސިލްތަކުން އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެކަން ބަޔާންކޮށް މަސްވެރިކަމާ ބެހޭ ވުޒާރާއަށް ސިޓީ ހުށަހަޅަންޖެހެއެވެ. ސިޓީ ހުށަހަޅާއިރު ކައުންސިލުން އެރަށެއްގައި ކުރިއަށްގެންދަން ބޭނުންވާ ވަކި ތަމްރީނެއް ފާހަގަކުރަންޖެހޭނެ ކަމަށާއި، އަދި މިކަމުގައި އިސްކޮށް ހަރަކާތްތެރިވާނެ ފަރާތެއްގެ މައުލޫމާތު ހިއްސާކުރުމަށްވެސް އެ ވުޒާރާއިން ވަނީ އެދިފައެވެ.
