ޓެޓަނަސް އަކީ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. ދާދިފަހުން ނޭޝަނަލް ޖިއޯގްރަފިކް ޗެނަލްއިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ބަލި އަނެއްކާވެސް ދުނިޔޭގައި އިތުރުވާން ފަށާފައިވާ ކަމަށް ސައިންސްވެރިންނާއި ޑޮކްޓަރުން ވަނީ ބުނެފައެވެ. އެމެރިކާ ފަދަ ތަރައްގީވެފައިވާ ގައުމުތަކުގައިވެސް މި ބަލި ޖެހޭ މީހުންގެ އަދަދު ފާއިތުވި ދެ ދަހަރާގެ ތެރޭގައި ނުދާ ފަދަ މަތީ މިންވަރަކަށް މިދިޔަ އަހަރު ވަނީ އުފުލިފައެވެ.

މި ބައްޔަކީ އިންސާނާގެ ނާރުތަކުގެ ނިޒާމަށް ހަމަލާދޭ ވަރަށް ނުރައްކާތެރި އިންފެކްޝަނެކެވެ. މީގެ ސަބަބުން ހަށިގަނޑުގެ މަސްތައް ވަރުގަދައަށް ވާންވެ، ބާރަށް ތަދުވާ ގޮތް މެދުވެރިވެއެވެ. މި ބަލީގެ އަލާމާތްތައް ބޮޑުވުމުން މަސްތައް ހަރުވެ، އަނގަ ނުހުޅުވޭ ގޮތް ދިމާވުމާއި، ނޭވާލާ ނިޒާމުގެ މަސްތަކަށް އަސަރުކޮށް ނޭވާލާން އުނދަގޫވުން ފަދަ ފުރާނައަށް ނުރައްކާވާ ފަދަ ގިނަ މައްސަލަތަކެއް ކުރިމަތިވެއެވެ.

އާންމުކޮށް މި ބަލި ޖެހެން މެދުވެރިވަނީ ދަނގަޑު، ދަބަރު، ނުވަތަ ވެލީގެ ތެރޭގައި އުޅޭ ބެކްޓީރިއާއެއް ހަށިގަނޑުގައި އުފެދޭ ކުޑަ ޒަހަމެއް ނުވަތަ ކަނޑައިގެންދާ ތަނެއްގެ ޒަރީއާއިން އެތެރެވުމުންނެވެ. ޑޮކްޓަރުން މިހާރު އެންމެ ބޮޑަށް ކަންބޮޑުވަނީ، މީހުން ވެކްސިން ފުރިހަމަކުރުމަށް ދޭ ސަމާލުކަން ކުޑަވުމުގެ ސަބަބުން މި ބަލި ޖެހޭ މީހުންގެ އަދަދު ކުރިއަށް އޮތް ތަނުގައިވެސް އިތުރުވަމުން ހިނގައިދާނެތީއެވެ. މިއީ ވަރަށް ފަސޭހައިން ރައްކާތެރިވެވޭނެ ބައްޔަކަށް ވިޔަސް، އިހުމާލުވުމުގެ ނަތީޖާ ވަރަށް ހިތްދަތިވެދާނެއެވެ.

މި ނުރައްކާތެރި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ފަސޭހަ އަދި އެންމެ ކާމިޔާބު މަގަކީ ޓެޓަނަސް ވެކްސިން ޖެހުމެވެ. ކުޑަކުދިންގެ އުމުރުގައި ދެވޭ ވެކްސިންގެ އިތުރުން، ބޮޑެތި މީހުންވެސް ކޮންމެ 10 އަހަރަކުން އެއްފަހަރު ބޫސްޓާ ޑޯޒްއެއް ޖެހުމަކީ ހަށިގަނޑުގެ ދިފާއީ ބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކުޑަވެސް ޒަހަމެއް ދިމާވެއްޖެ ނަމަ، ލަސްނުކޮށް އެތަނެއް ސާފުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޑޮކްޓަރީ ފަރުވާ ހޯދުމަކީ ފުރާނަ ސަލާމަތްކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.

ހަވާލާ: ނެޝަނަލް ޖިއޯގްރަފިކް 2026.