ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ކުރިޔަށްދާ އޮލިމްޕިކް ގޭމްސް އާއެކު، ކޮވިޑް19 ގެ ބޮޑު ރާޅެއް ޖަޕާނަށް އަރާފާނެ ކަމުގެ އިންޒާރު އެ ގައުމުގެ ސިއްހީ މާހިރުން ދީފިއެވެ.

ސިއްހީ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ގައުމުގައި ކޮވިޑް ފެތުރޭ މިންވަރު ވަނީ 20 އިންސައްތައަށް އިތުރުވެފައެވެ. ޖަޕާނުގެ މިނިސްޓްރީ އޮފް ހެލްތް، ލޭބާ އެންޑް ވެލްފެއާއިން ރިޕޯޓުކުރާ ގޮތުގައި ފާއިތުވި ހުކުރު ދުވަހު އެކަނިވެސް އެ ގައުމުން 4000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއީ ކުރީ ހަފްތާއާއި އަޅާ ބަލާއިރު 700 މީހުން ގިނަ އަދަދެކެވެ.

ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި ޖަޕާނުގެ ސަރުކާރުން އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ އެ ގައުމުގައި ވެކްސިން ޖަހާފައި ތިބި މީހުންގެ އަދަދު މަދުވުމެވެ. އެގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް އެކަނިވެސް ޖަހާފައި ވަނީ އެގަމުގެ 23 އިންސަތަ މީހުންނެވެ.

ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި އިއްޔެ ޖަޕާނުގެ ޓޯކިޔޯގައި ފެށި އޮލިމްޕިކްސް ގޭމްސް އާއެކު އެ ސިޓީ އަދި އެ ގައުމުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވާނެއެވެ. އެ ގައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑު ޖެހޭ މީހުން އިތުރުވުމުން އެ ގައުމުގެ ސިއްހީ ނިޒާމަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށެވެ.

އޮލިމްޕިކްސް އާއެކު ކޮވިޑުގެ 17 ކޭސް މިހާރު ފެނިފައިވާއިރު އަދި ޔަގީންނުވާ 123 ކޭސް އުޅޭ ކަމަށް އޮލިމްޕިކްސް އޯގަނައިޒާސް އިން ބުނެއެވެ.