ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން އާންމުންނަށް އެ ބޭންކުގައި ޑޮލަރު އިންވެސްޓްކޮށްގެން ބޮޑު ފައިދާއެއް ހޯދޭނެ "އިންވެސްޓްމަންޓްސް" ގެ ނަމުގައި އާ ހިދުމަތެއް މިއަދު ތައާރަފުކޮށްފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ތައާރަފުކުރި މި ހިދުމަތުގެ ދަށުން ބޭންކުގައި ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް 25 ޕަސަންޓާ ހަމައަށް ފައިދާ ލިބޭނެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފައެވެ. މި ހިދުމަތް ބޭންކުގެ މޯބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެއެވެ.
މި ހިދުމަތުގެ ދަށުން އިންވެސްޓްކުރާ ކަސްޓަމަރުން އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ ވަގުތުން އެ ފަރާތެއްގެ އެކައުންޓަށް ޖަމާވާނެއެވެ. އަދި އިންވެސްޓްމަންޓުން ލިބޭ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވެގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. ބޭންކުން ހާމަކުރި ގޮތުގައި ކޮންމެ ދުވަހަކުވެސް އެކި މިންވަރަށް ފައިދާލިބޭ އިންވެސްޓްމަންޓް ޕޫލްތައް ހުޅުވާލެވޭނެ އަދި އެވަގުތަކު ހުޅުވާލެވިފައިވާ ޕޫލްތަކުގެ މައުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް ފެންނަން ހުންނާނެއެވެ.
މި ހިދުމަތް ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ ބޭންކުން ކުރާ މުއާމަލާތްތަކަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމަށްޓަކައި އިތުރު އިންވެސްޓަރުން ހޯދުން ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިފަދަ ރަނގަޅު ފައިދާއެއް ލިބޭ ޕޫލްތަކުގައި އިންވެސްޓްކުރުމުން، އީކޮމާސް ރީޓެއިލް ސައިޓްތަކުން ކުރާ މުއާމަލާތްތަކާއި ފީނަގާ އެހެން ބައެއް މުއާމަލާތްތަކުން ލިބޭ ފީ، ހަރަދުތައް ކެނޑުމަށްފަހު އިންވެސްޓް ކުރި ފަރާތްތަކަށް ބަހައިދޭނެއެވެ.
"މީގެ ސަބަބުން ބޭންކަށް ޑޮލަރުލިބި، އެ ޑޮލަރު ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ފޯރުކޮށްދެވޭނެ. މީގެ ތެރޭގައި ކާޑުޕޭމަންޓްތަކާއި، އީ-ކޮމާސް ވިޔަފާރިތަކާއި، މުދާ އިމްޕޯޓްކުރުން ހިމެނޭ. މީގެ ނަތީޖާއަކީ ދެމެހެއްޓެނިވި، ހުރިހާ ފަރާތްތަކަށްވެސް މަންފާ ލިބޭނެ، ނިޒާމެއް ގާއިމްވެގެން ދިޔުން." ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ބޭރުން ހިދުމަތް ހޯދުމަށާއި ތަކެތިގަތުމަށް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް މަހެއްގެ މައްޗަށް ވިއްކޭ ޑޮލަރުގެ އަދަދު ފާއިތުވި ފަސް އަހަރުގެ ތެރޭގައި ތިނެއް އެކެއް ހެއްނެއް ގުނަ ވަނީ އިތުރުވެފައެވެ. ބީއެމްއެލްއިން މިހާރު އެވްރެޖްކޮށް މަހަކަށް ތިރީސް ނުވައެއް އެކެއް ތިނެއް މިލިއަން ޑޮލަރު ވިއްކަމުންދާއިރު، މި ހިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ އަދަދުވެސް ދެ ގުނައަށްވުރެ ބޮޑުވެފައިވާ ކަމަށް އޮފީހުން ބުންޏެވެ.
މިއަދުގެ ހަފްލާގައި ބޭންކުން ވަނީ "އިންވެސްޓްމަންޓްސް" ހިދުމަތް ބޭނުންކުރާނެ ގޮތުގެ ޑެމޯއެއް ދައްކާލާފައެވެ. ބީއެމްއެލްއިން ގަބޫލުކުރާ ގޮތުގައި މި އާ ނިޒާމުގެ ސަބަބުން ބޭންކަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަމަށް އެދެވޭ ހައްލެއް ލިބި، ރާއްޖޭގެ ވިޔަފާރިތަކަށާއި އާންމު ކަސްޓަމަރުންނަށް ބޭނުންވާ ޑޮލަރުގެ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
