ކައިވެންޏަކީ އިސްލާމްދީނުގައި ނުހަނު ބޮޑަށް ބާރުއަޅުއްވާފައިވާ، އަދި އިންސާނާގެ ނަފްސަށް ހަމަޖެހުމާއި އަމާންކަން ގެނެސްދޭ މުގައްދަސް ގުޅުމެކެވެ. ނަމަވެސް، މިއަދުގެ މުޖުތަމައުގައި ކައިވެނިކުރުން މިވަނީ ވަރަށް ބޮޑު، އުނދަގޫ ކަމަކަށް ހަދާފައެވެ. ގިނަ ޒުވާނުންނަށް ވިސްނިފައި އޮންނަނީ ކައިވެނިކުރަންވާނީ ލައްކައިން މުސާރަ ލިބެން ފެށުމުން ނުވަތަ ދިރިއުޅޭނެ އުސް އިމާރާތެއް ބިނާކުރެވުމުން ކަމަށެވެ. މިއީ އިސްލާމީ ހަމަތަކާއި ދިރިއުޅުމުގެ ހަގީގަތާ މާ ދުރު، ދުނިޔަވީ ފަލްސަފާއެކެވެ.
ހަގީގަތުގައި، ފިރިހެން މީހާއަށް ލިބޭ އާމްދަނީން ދެމީހުންނަށް މިނިވަންކަމާއެކު، އާދައިގެ ގޮތަކަށް ދިރިއުޅެލެވޭނެ ފެންވަރު ހުރި ނަމަ އޮތީ އަވަހަށް ކައިވެނީގެ ބަދަހި ގުޅުމުން ގުޅުމެވެ. އިސްލާމްދީން ބާރުއަޅަނީ މާއްދީ މުއްސަނދިކަމަށްވުރެ ބޮޑަށް، ހަލާލު ގޮތުގައި ދިރިއުޅުން ފެށުމަށެވެ. ކައިވެނީގެ ސަބަބުން ރިޒުގު ތަނަވަސްވެ، ދިރިއުޅުމުގައި ބަރަކާތް އިތުރުވެގެންދާނެކަން މާތް ﷲ ވަނީ ކީރިތި ޤުރުއާނުގައި ވަޢުދުވެވޮޑިގެންފައެވެ. އެހެންކަމުން، އިސްރާފާއި މާބޮޑު ކުލަގަދަ ހަފުލާތަކަކަށް އިންތިޒާރުކޮށް، ކައިވެނި ލަސްކުރުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ.
މިއަދުގެ ޒަމާނީ ދީނީ އިލްމުވެރިން ވެސް ފާހަގަކުރައްވާ ގޮތުގައި، ކައިވެނިކުރަން އަދި ތައްޔާރުނުވާކަމަށް ބުނެ، ދިރިއުޅުން މުޅިން "ހަމަޖެހިލެވެންދެން" މަޑުކޮށްލުމުގެ ވިސްނުމަކީ ހަގީގަތުގައި ޝައިޠޯނާ އިންސާނާގެ ހިތަށް ވައްދާ ވަސްވާހެކެވެ. މިއީ ޒުވާނުން މަގުފުރައްދާލުމަށް ޝައިޠޯނާ ބޭނުންކުރާ އެންމެ ބޮޑު އެއް ދަންތުރައެވެ. މިފަދަ ބޭކާރު އިންތިޒާރުތަކުގެ ބޭނުމަކީ ކައިވެނި ލަސްކުރުވައި، ފާހިޝް ކަންތައްތަކަށް މަގުފަހިކުރުވުމެވެ.
ހަލާލު މަގު ބަންދުވެ، ނުވަތަ ލަސްވެގެންދާ ކޮންމެ ހިނދަކީ ހަރާމް ކަންތައްތަކަށް ދޮރުތައް ހުޅުވިގެންދާނެ ފުރުސަތެކެވެ. ޝައިޠޯނާ ބޭނުންވަނީ ޒުވާނުން ސާފުތާހިރުކަންމަތީ ބޭތިއްބުމުގެ ބަދަލުގައި، ފާފަކުރުވައި، އެމީހުންގެ ކިބައިންނާއި މުޅި މުޖުތަމައުން ކައިވެނީގެ ބަރަކާތް މުޅިން ކަނޑުވައިލުމަށެވެ. ދިރިއުޅުމުގެ ހުރިހާ ތަނަވަސްކަމެއް ފުރިހަމަވަންދެން މަޑުކުރަން ހަދައިފި ނަމަ، އުމުރުގެ އެންމެ ބޭނުންތެރި ދުވަސްތައް ބޭކާރު ގޮތުގައި ފާއިތުވެ ހިނގައިދާނެއެވެ.
އެހެންކަމުން، މުސްލިމް ޒުވާނުންނާއި އެކުދިންގެ ބެލެނިވެރިންވެސް ވިސްނުން ބަދަލުކުރަން އެބަޖެހެއެވެ. ކައިވެނީގެ ފެށުމަކީ ތަގުވާވެރިކަމާއި، އެކަކު އަނެކަކަށް ހުންނަ އިހުލާސްތެރިކަމެވެ. ދިރިއުޅުމުގެ އުސްއިމާރާތްތަކާއި ލިބޭ މުސާރައަކީ ދެމީހުން އެކުގައި މަސައްކަތްކޮށްގެން، ﷲ ގެ ބަރަކާތާއެކު ވަގުތުން ވަގުތަށް ހޯދޭނެ އެއްޗެހިކަން ގަބޫލުކުރަންޖެހެއެވެ. ހިތްތަކަށް ހަމަޖެހުން ލިބޭނީ ހަރާމްގެ މަގުތައް ބަންދުކޮށް، ހަލާލު ގޮތުގައި އަވަހަށް ކައިވެނި ފުރިހަމަކޮށްގެންނެވެ.
ހަވާލާ: އިސްލާމީ ތިލަފަތުގެ ދަރުހަކުން 2025.
