ބްރެޒިލްގެ ކެޓަރިނެންސޭ ފުޓްސަލް ސީރީޒް ގޯލްޑް މުބާރާތުގައި ޗަޕެކޯއެންސޭ އާއި ފުޓްސަލް ސާއޯ ލޮރެންޒޯ ބައްދަލުކުރި މެޗެއްގެ ތެރެއިން ހީނުކުރާ ފަދަ އާދަޔާ ހިލާފު ހާދިސާއެއް ހިނގައިފިއެވެ. އިންސްޓަގްރާމްގައި ޗަޕެކޯގެ ސީއީއާރް އައުރޯރާ ޖިމްގައި ކުޅުނު މި މެޗުގެ ތެރެއިން ޗަޕެކޯއެންސޭގެ ކުޅުންތެރިއެއް ކަމަށްވާ ޑޮގްލިންހާސްގެ ބޮލުގައި ވަނީ ސީލިންގުން ވެއްޓުނު ބޮއްކެއް ޖެހިފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ކުޅުންތެރިއަކު ޖެހި ބޯޅައެއް ސީލިންގުގައި ހުރި ބޮކީގައި ޖެހުމާއި ގުޅިގެންނެވެ. ބޮކި ވެއްޓުނީ ސީދާ ޑޮގްލިންހާސްގެ ބޮލަށް ކަމަށްވުމުން، ދަނޑުމަތީގައި އޭނާއަށް ވަގުތުން ފަރުވާ ދޭން ޖެހުނެވެ. ނަމަވެސް ބޮލުގައި ބެންޑޭޖު އަޅައިގެން އޭނާ ވަނީ އަލުން މެޗަށް އެނބުރި އައިސް ކުޅެފައެވެ. ކްލަބުން ހާމަކުރި ގޮތުގައި މެޗަށްފަހު އޭނާއަށް އިތުރު މެޑިކަލް ފަރުވާ ދެވިފައިވާ އިރު، މިހާރު ހާލު ރަނގަޅެވެ.
މި މެޗު ނިމިގެންދިޔައީ ސާއޯ ލޮރެންޒޯ ފުޓްސަލް ޓީމުން 5-2 ގެ ނަތީޖާއަކުން ޗަޕެކޯއެންސޭ ބަލިކުރުމަށްފަހުއެވެ. މިއީ މި މުބާރާތުގެ 6 ވަނަ ބުރުގެ މެޗެކެވެ. މި މެޗުގައި ލޮރެންޒޯ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ގެބްރިއަލް ރޮސާ އާއި، ވިކޯ އަދި އެ ޓީމުގެ ގޯލްކީޕަރު ސަރުޖާއޯ އެވެ.
