ކޮވިޑް19 ޖައްސާ ވައިރަހުގެ މުޅިން އާ ވޭރިއަންޓެއް، އިނގިރޭސި ވިލާތުން ފެނިއްޖެއެވެ. އެ ވައިރަހުގެ ހަގީގަތް ދެނެގަތުމުގެ ގޮތުން ލެބޯޓެރީތަކުގައި މިހާރުވަނީ ތަހުލީލުތައް ކުރަން ފަށާފައެވެ.
އެގައުމުގެ ޕަބްލިކް ހެލްތުން ބުނި ގޮތުގައި ކޮވިޑް ޖައްސާ އާ ވޭރިއަންޓެއް އެ ގައުމުން ފުރަތަމަ ފަހަރަށް ފެނުނީ މިދިޔަ ބުދަ ދުވަހު އެވެ. އެ ބާވަތުގެ ކޮވިޑް ވައިރަސް ފެނުނު ގިނަ މީހުންނަކީ، ބޭރު ގައުމުތަކުން ދަތުރުކޮށްފައި އިނގިރޭސި ވިލާތަށް އައި މީހުން ކަމަށާއި، އިނގިރޭސި ވިލާތުގެ ތެރޭގައި އެ ބާވަތުގެ ވައިރަސް ފެތުރެމުން ދާ ކަމުގެ އެއްވެސް ހެއްކެއް އަދި ނުލިބުނު ނަމަވެސް އެ ބާވަތް ފެތުރުމުގެ ފުރުސަތު ވަރަށްބޮޑެވެ.
މި އާ ބާވަތުގެ ވައިރަހާ ބެހޭ ގޮތުން، ފަރަންސޭސި ވިލާތުގެ ސައެންޓިފިކް ކައުންސިލްގެ ރައީސް އަދި ވައިރަސްތަކާ ބެހޭ ތަޖުރިބާކާރު ޕްރޮފެސަރު ޖޭން-ފްރެންކޮއި ޑެލްފްރައިސޭ ވިދާޅުވީ މި އާ ބާވަތުގެ ވައިރަހުގެ ނުރައްކާތެރިކަން ބޮޑަށް ފާޅުވާން ފަށާނީ، އަންނަ ފިނި މޫސުމުގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް ފެތުރެމުންދާ ގޮތަށާއި، ކޮވިޑުން ދިފާއުވުމަށް ކުރެވޭ މަސައްކަތާއި، ވެކްސިން ޖަހަމުންދާ ނިސްބަތަށް ބަލާއިރު، 2023 ވަނަ އަހަރުގެ ކުރިން، ކޮވިޑްގެ ކުރިން އޮތް އާންމު ހާލަތަށް ނުދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮވިޑް ޖައްސާ ޑެލްޓާ ބާވަތުގެ ވައިރަހުގެ ސަބަބުން، ފަރަންސޭސި ވިލާތުގައި ކޮވިޑްގެ ހަތަރު ވަނަ ރާޅެއް މިހާރު ފެތުރެމުން ދާއިރު، އިއްޔެ ފާސްކުރި ސިއްހަތާ ބެހޭ އާ ގާނޫނުގެ އެހީގައި، ކޮވިޑް ވެކްސިން ޖެހުން އަވަސްކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގާނޫނު ބުނާ ގޮތުން، މިހާރު ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި، ކޮވިޑް ވެކްސިން ޖެހުން މަޖުބޫރުވާނެ އެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި އަންނަ ފިނި މޫސުމުގައި ކޮވިޑްގެ އާ ވޭރިއަންޓެއް ފެނުނު ކަމުގައި ވިޔަސް، އެއީ މިހާރު އުފެދިފައި ހުރި ބާވަތްތަކުގެ ވައިރަސްތަކަށް ވުރެ ނުރައްކާތެރި ވައިރަހަކަށް ވާނެ ކަމަށް ނުބެލެވެ އެވެ. އަދި، ބަދަލުވުމުގެ ގާބިލުކަން، ކޮވިޑް ވައިރަހަށް ވެސް، ލިބިގެންވަނީ ވަކި މިންވަރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އިނގިރޭސި ވިލާތުން މި ފެނުނު ވޭރިއަންޓަކީ ކިހާ ނުރައްކާތެރި ވޭރިއަންޓެއްކަން އަދި ހޯދިފައެއް ނުވެއެވެ.
