ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ދިމާވާ ގޮންޖެހުންތަކާއި ހިތާމަތަކާ ކުރިމަތިލާއިރު، އަންހެނުންނަކީ މާ ބޮޑަށް ޖަޒުބާތީ ބައެއް ކަމަށް ބުނެ މުޖުތަމައުއިން ގިނަ ފަހަރަށް ނިންމަނީ އެއީ ނަފްސާނީ ގޮތުން ބަލިކަށިވުން ކަމަށެވެ. ނަމަވެސް، ޒަމާނީ ސައިންސާއި ނަފްސާނީ ދިރާސާތަކުން ދައްކާ ގޮތުގައި ހަގީގަތަކީ މީގެ މުޅިން އިދިކޮޅެވެ. ދިގުދެމިގެންދާ ފިކުރުތަކާއި، ކާރިސާތަކާއި، އަދި ހިތްދަތި ދަނޑިވަޅުތަކުން އަވަހަށް އަރައިގަތުމުގެ ނަފްސާނީ ހިތްވަރު ނުވަތަ "ރެޒިލިއަންސް" ފިރިހެނުންނަށްވުރެ އަންހެނުންގެ ކިބައިގައި މާ ވަރުގަދައެވެ. މިއީ ހަމައެކަނި ދައްކާ ވާހަކައެއް ނޫނެވެ. ބަޔޮލޮޖިކަލް ގޮތުންނާއި އިޖުތިމާއީ ގޮތުން އަންހެނުންނަށް ލިބިފައިވާ ހާއްސަ ބާރެކެވެ.
އަންހެނުންގެ ނަފްސާނީ ދިފާއީ ބާރު ވަރުގަދަވާ އެންމެ ބޮޑު އެއް ސަބަބަކީ އެކަނިވެރިވުމުގެ ބަދަލުގައި އެހެން މީހުންގެ އެހީތެރިކަން ހޯދުމަށް ހުންނަ ފަސޭހަކަމެވެ. ނަފްސާނީ ދިރާސާތަކުން (ލިޔުންތެރިޔާ ރީޓާ އޮގާޑާ ފާހަގަކޮށްފައިވާ ފަދައިން) ދައްކާގޮތުގައި ހާސްކަމާއި ދެރައެއް ދިމާވާ ވަގުތުތަކުގައި އަންހެނުން އެމީހުންގެ އިހުސާސްތައް ބޭރުކޮށް، ރައްޓެހިންނާއި އާއިލާގެ ތެރެއިން "ސޯޝަލް ސަޕޯޓް ނެޓްވޯކް" އެއް ހޯދައެވެ. މިގޮތަށް ވާހަކަދައްކައި އިހުސާސްތައް ހިއްސާކުރުމަކީ ސިކުނޑީގެ ހާސްކަން ކުޑަކޮށްދީ، ނަފްސާނީ ބަލިމަޑުކަމުން ސަލާމަތްވުމަށް އެހީތެރިވެދޭ ވަރަށް މުހިންމު އުކުޅެކެވެ. އޭގެ ބަދަލުގައި ގިނަ ފިރިހެނުންނަށް ދަސްވެފައި ހުންނަނީ "ހިތްވަރުގަދަ" މީހަކަށް ވުމަށްޓަކައި ދެރަވިޔަސް އެކަން ސިއްރުކޮށް، ހިތުގައި ފޮރުވުމަށެވެ. މީގެ ސަބަބުން ފިރިހެނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތައް ކުރެއެވެ.
ދެވަނަ ސަބަބަކީ އަންހެނުންގެ ކިބައިގައި ހުންނަ މަތީ ދަރަޖައިގެ "އިމޯޝަނަލް އިންޓެލިޖެންސް" ނުވަތަ ޖަޒުބާތީ ވިސްނުންތެރިކަމެވެ. އެމް.އެސް.ސީ.އީ.އައި.ޓީ ފަދަ ތަހުލީލުތަކުން ސާބިތުވާ ގޮތުގައި، އަމިއްލަ އިހުސާސްތައް ދެނެގަތުމާއި، އަނެކުންގެ ހިތުގެ ހާލަތު ދެނެގަނެ ހަމްދަރުދީވުމުގައި އަންހެނުންގެ ނަތީޖާ ފިރިހެނުންނަށްވުރެ މާ މައްޗެވެ. ތިމާއަށް ކުރެވެނީ ކޮން ކަހަލަ އިހުސާސެއްކަން ސާފުކޮށް އެނގުމަކީ، އެ އިހުސާސްތައް ކޮންޓްރޯލްކޮށް މެނޭޖުކުރަން އެނގުމުގެ ފެށުމެވެ. އެހެންކަމުން، ބޮޑެތި މުސީބާތްތަކާ ކުރިމަތިލާއިރު ހާސްވެ ކަންބޮޑުވި ނަމަވެސް، އެ ހާލަތާ އެއްގޮތަށް ބަދަލުވެ، ހަމަޖެހިލައިގެން މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން އަންހެނުންގެ ކިބައިގައި ބޮޑެވެ.
މީގެ އިތުރުން، ބަޔޮލޮޖިކަލް ނުވަތަ ހަށިގަނޑުގެ އުފެދުމަށް ބަލާއިރުވެސް އަންހެނުންގެ ސިކުނޑި ތަރައްގީވަނީ ނަފްސާނީ ހަރުދަނާކަމަށް މަގުފަހިވާ ގޮތަށެވެ. ސައިންސްވެރިން ހާމަކުރާ ގޮތުގައި އަންހެން ކުދިން ބޮޑެތިވަމުން އަންނައިރު، ވިސްނުމާއި ޖަޒުބާތުތައް ކޮންޓްރޯލްކުރާ ސިކުނޑީގެ "ފްރޮންޓަލް ލޯބް" ފިރިހެން ކުދިންނަށްވުރެ އެއް އަހަރު ނުވަތަ ދެ އަހަރު ކުރިން ފުރިހަމަވެއެވެ. އަދި އަންހެނުންގެ ހަށިގަނޑުގައި ހުންނަ "އެސްޓްރޯޖަން" ހޯމޯންއަކީ ހަމައެކަނި ދިފާއީ ބާރު ވަރުގަދަކޮށްދޭ އެއްޗެއް ނޫނެވެ. އެއީ ސިކުނޑީގެ ސެލްތައް ރައްކާތެރިކޮށްދީ، ސްޓްރެސްގެ ސަބަބުން ލިބޭ ގެއްލުންތަކުން ސިކުނޑި ސަލާމަތްކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މިއީ ވެސް އަންހެނުންނަށް ގުދުރަތީ ގޮތުން ލިބިފައިވާ ނަފްސާނީ ދިފާއެކެވެ.
ހަގީގަތުގައި، އަންހެނުންނަކީ ދެރަވުމުން ކަރުނައަޅައި ރޮއެ ހަދާ ބައެއް ނަމަވެސް، އެ ކަރުނައަކީ ބަލިކަށިކަމުގެ ނިޝާނެއް ނޫނެވެ. އެއީ ހިތުގެ ރިހުންތައް ބޭރުކޮށްލައި، އަލުން އާ ހިތްވަރަކާއެކު ތެދުވުމަށްޓަކައި ހަށިގަނޑުން ހިންގާ ނަފްސާނީ ސާފުކުރުމުގެ މަރުހަލާއެކެވެ. އެހެންކަމުން، ދިރިއުޅުމުގެ ތޫފާންތަކުގެ ކުރިމަތީގައި، ބޭރުފުށުން ކިތަންމެ މަޑުމައިތިރިކޮށް ފެނުނަސް، އެތެރެއިން ހިތްވަރުގަދަކޮށް ކެތްތެރިވުމުގެ އަސްލު ވެރިން ނުވަތަ ރާނީއަކީ އަންހެނުންނެވެ. އަންހެނުންގެ މި ނަފްސާނީ ގަދަކަމަކީ މުޅި މުޖުތަމައުގެ ހަމަޖެހުމާއި ރައްކާތެރިކަން ހިފަހައްޓައިދޭ އެންމެ ބޮޑު އެއް ތަނބެވެ.
ހަވާލާ: ސްޓްރެސް ކޯޕިން އެމޯންގ ފީމޭލް އެންޑް މޭލް. - ރިޓާ އޮގާޑާ 2025.
