ރާއްޖޭގެ މާލީ ދާއިރާގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު ހެނދުނު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ.

މިއީ އެމްއެމްއޭ އިން އިންތިޒާމު ކޮށްގެން، ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރުގެ ހުރިހާ މުހިންމު ފަރާތްތަކެއް އެއްތަނަކުން ބައްދަލުވެ ހިންގާ ވަރަށް ހާއްސަ ހަރަކާތެކެވެ. މިއަދުން ފެށިގެން މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯ ބާއްވަނީ "އެމްޕަވަރިންގ ސަސްޓެއިނަބަލް ފިއުޗަރސް: އިންކްލޫޝަން، އިނޮވޭޝަން އެންޑް އިންޓެލިޖެންސް" މި ޝިއާރުގެ ދަށުންނެވެ. މި އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޕޯގެ އެކިސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލައްވާފައެވެ.

މި ފަހަރުގެ އެކްސްޕޯގައި ރާއްޖޭގެ ކޮމާޝަލް ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ފައިނޭންސް ހިދުމަތްދޭ އެކި ފަރާތްތަކުގެ އިތުރުން ގާނޫނީ ނިޒާމު ބަލަހައްޓާ އިދާރާތަކާއި ސަރުކާރުގެ މުހިންމު ވުޒާރާތަކުން ބައިވެރިވެއެވެ. މި އިވެންޓުގެ ސަބަބުން އާންމުންނަށް ރާއްޖޭގެ މާލީ ނިޒާމުގައި ބައިވެރިވާ މުހިންމު މުއައްސަސާތަކާ ސީދާ ބައްދަލުކޮށް، އެ ފަރާތްތަކުން ދޭ ހިދުމަތްތަކާއި މާލީ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތުތައް އެއްތަނަކުން ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.