އައްޑޫ ސިޓީ ހިތަދޫގައި މަސްތުވާތަކެތީގެ ހިދުމަތްދޭ އައްޑާތައް ބަންދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ރަށު "މައިލޯސިޓީ" ގެ ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފިއެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މިފަދަ ހިދުމަތްތައް ދޭ ތަންތަން ބަންދުކުރުމަށް ހިތަދޫ ކޯޓުން ނެރުނު ދެވަނަ އަމުރެވެ. މި އަމުރުގެ ދަށުން 2026 ޖުލައި 1 އިން ފެށިގެން 90 ދުވަހުގެ މުއްދަތަށް އެ ގެ ބަންދުކުރުމަށް ވަނީ ނިންމާފައެވެ.
ކޯޓުން މި އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދިނުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ ތަފާތު އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީއެވެ. އެ ގޭގައި މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދިއުމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫއަރައި، ބަޔަކަށް ނުރައްކާ ކުރިމަތިވަމުންދާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، އެ ގޭގެ ސަބަބުން އެ ސަރަހައްދުގައި ކުށްކުރުން އިތުރުވެ، ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި، މީހުން ރަހީނުކުރުމުގެ އިތުރުން ވައްކަން ކުރުން ފަދަ ނުރައްކާތެރި ޖިނާއީ އެތައް ކުށެއް ކުރަމުންދާކަން ފާހަގަކުރެވިފައިވާތީ، ފުލުހުން ވަނީ އެ ތަނުގައި ހިންގަމުންދިޔަ ހުރިހާ ޣައިރުގާނޫނީ ހަރަކާތްތަކެއް ހުއްޓުވައި، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.
