ރުފިޔާ ކާޑުތަކަށް ޖުލައި މަހުގެ ތެރޭގައި ލުއިތަކެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އީ-ކޮމާސް މަންސަތަކުގައި ވިޔަފާރިކޮށް މުއާމަލާތްކުރުމަށް ކޮންމެ ދުވަހަކު ބޭންކުން ކަނޑައަޅާ ބޭރުފައިސާގެ އަދަދު އިތުރުކޮށްފިއެވެ.

ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑިންގ އެންޑް މާކެޓިންގ ސްޓްރެޓެޖީ މުހައްމަދު ސައީދު މައުލޫމާތުދެއްވަމުން ވިދާޅުވީ، ފާއިތުވި އަންގާރަ ދުވަހު ބޭންކުން ޑޮލަރުން އިންވެސްޓުކުރަން ހުޅުވައިލި އައު ފުރުސަތާއެކު، ބީއެމްއެލްއިން ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތަކުން އޮންލައިންކޮށް ވިޔަފާރިކުރުމަށް ކޮންމެ ދުވަހަކު ކަނޑައަޅާފައިވާ ޑޮލަރުގެ ލިމިޓު މަތިކުރަން ނިންމާފައިވާ ކަމަށެވެ. ބޭންކަށް ޑޮލަރު ލިބޭ މިންވަރަށްވުރެ އިތުރަށް ބޭނުންތަކަށް ޑޮލަރު ދޫކުރަންޖެހުމުގެ ސަބަބުން، ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ކުރެވޭނީ 30 މުއާމަލާތް ކަމަށް ބޭންކުން ކުރިން ވަނީ ހަމަޖައްސާފައެވެ. ނަމަވެސް، އައު އިންވެސްޓްމަންޓް ފުރުސަތާއެކު މިކަމަށް ވަނީ ބޮޑު ލުޔެއް ލިބިފައެވެ.

ބޭންކުން އަލަށް ހުޅުވައިލި ފުރުސަތުގައި އިންޓަނެޓު ބޭންކިންއާއި މޯބައިލް އެޕު ބޭނުންކޮށްގެން ޑޮލަރު އިންވެސްޓުކުރެވޭއިރު، އިންވެސްޓުކުރާ ފަރާތްތަކަށް 25 އިންސައްތައާ ހަމައަށް ފައިދާ ލިބޭނެ ކަމަށް ބޭންކުން ބުނެއެވެ. ސައީދު ވިދާޅުވި ގޮތުގައި މި ފުރުސަތު ހުޅުވައިލި ފުރަތަމަ 24 ގަޑިއިރު ތެރޭގައި އޮންލައިން ވެބްސައިޓުތަކުން މުއާމަލާތްކުރެވޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

"މިއަދު އަޅުގަނޑުމެނަށްވެސް އަދި ސޯޝަލް މީޑިއާގައިވެސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވޭ، އެންމެ ގިނަ ފަރާތްތަކުން ބޭނުންކުރާ ޓީމޫ، ޝެއިން، އަލީ އެކްސްޕްރެސްގެ ޕޭމަންޓްސްތައް ތްރޫވި. އެހެން ނޫންނަމަ އެއީ ކޮންމެ ދުވަހަކު ވަރަށް އަވަހަށް ހުސްވާ ލިމިޓުތަކެއް،" ސައީދު ވިދާޅުވިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައިވެސް ބޭންކަށް ޑޮލަރު ލިބޭ މިންވަރު އިތުރުވާ ނިސްބަތުން، އާންމުންނަށް ދެވޭ މިފަދަ ހިދުމަތްތައް އިތުރަށް ފުޅާކުރަމުންދާނެ ކަމަށެވެ.