އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ދިރިއުޅުމުގައި މިފަދަ ތަޖުރިބާއެއް ކުރެވިފައި ހުންނާނެއެވެ. ފިލްމެއް ބަލަނިކޮށް އޭގައި އުޅޭ ކެރެކްޓަރަކު ދެރަވެގެން ރޯ މަންޒަރު ފެނުމުން، ނުވަތަ ތިމާގެ ގާތް ރަޙުމަތްތެރިޔަކު ދެރަވެގެން ކަރުނަ އަޅާ މަންޒަރު ފެނުމުން، އަމިއްލަ އިޚްތިޔާރަކާ ނުލައި ތިމާގެ ލޮލުންވެސް ކަރުނަ ހިލިި، ރޮވޭ ގޮތްވެއެވެ. މިއީ ހަމައެކަނި ތިމާގެ ހިތް މަޑުކަމުން ނުވަތަ "ބަލިކަށި" ކަމުން ވާގޮތެއް ނޫނެވެ. މީގެ ފަހަތުގައި ނަފްސާނީ އަދި ސައިންޓިފިކް ބޮޑެތި ސަބަބުތަކެއް އެކުލެވިގެންވެއެވެ.

ސައިންސްވެރިން ހާމަކުރާ ގޮތުގައި މިގޮތަށް އަނެކާގެ އިޙްސާސްތަކާއެކު ތިމާއަށްވެސް ރޮވެނީ އިންސާނާގެ ސިކުނޑީގައިވާ "މިރަރ ނިއުރޯންސް" ތަކުގެ ސަބަބުންނެވެ. މި ނިއުރޯންތަކުގެ މައިގަނޑު މަސައްކަތަކީ، ކުރިމަތިން ފެންނަ މީހާ ކުރާ ކަންތައްތަކާއި އޭނާގެ މޫނުމަތިން ފެންނަ އަސަރުތައް ސިކުނޑީގައި ކޮޕީކޮށްލުމެވެ. އެހެންކަމުން، މީހަކު ރޯތަން ފެނުމުން ނުވަތަ އޭނާ ތަޙައްމަލު ކުރަމުންދާ ދެރައާއި ވޭން ފެނުމުން، ސިކުނޑީގެ މި ބައި ހީވާގިވެ، އެ އިޙްސާސްތަކަކީ އަމިއްލަ އިޙްސާސްތަކެއްގެ ގޮތުގައި ސިކުނޑިއަށް ސިފަކޮށްދެއެވެ.

މީގެ އިތުރުން، މިއީ އިންސާނާގެ ކިބައިގައިވާ "އެމްޕަތީ" ނުވަތަ އަނެކުންގެ އިޙްސާސްތައް ދެނެގަނެ، އެމީހުންގެ މަޤާމުގައި ހުރެ ވިސްނުމުގެ ސިފަ ވަރުގަދަކަމުން ވާގޮތެކެވެ. މީހަކު ދެރަވެފައި ހުންނަ ވަގުތު، އޭނާގެ ހިތާމައިގައި ބައިވެރިވުމުގެ ޠަބީޢީ ސިފައެއް އިންސާނާގެ ކިބައިގައި ހުރެއެވެ. މިއީ ދިރިއުޅުމުގެ އާދަކާދަތަކުގެ ތެރެއިން، އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިކޮށްދީ، މުޖުތަމަޢެއްގެ ގޮތުގައި އެކުވެރިކަމާއެކު ދިރިއުޅުމަށް އެހީތެރިވެދޭ ވަރަށް މުހިންމު އިޖުތިމާޢީ ސިފައެކެވެ.

އެހެންކަމުން، އަނެކާ ރޯތަން ފެނުމުން ތިމާއަށް ރޮވުމަކީ ތިމާއަކީ އަނެކުންގެ އިޙްސާސްތައް ދަންނަ، އޯގާތެރި ހިތެއްގެ ވެރިއެއްކަން އަންގައިދޭ ރީތި ހެެއްކެކެވެ. މިއީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކަމާއި، އިންސާނީ ގުޅުންތަކަށް ބަރާބަރަށް އިޖާބަދޭ ސިކުނޑިއެއް ލިބިފައިވާކަމުގެ ރަމްޒެކެވެ. ދިރިއުޅުމުގެ ބުރަކަމުގެ ތެރެއިންވެސް، ކުރިމަތިން ފެންނަ ހިތާމަވެރި މަންޒަރުތަކުން ތިމާގެ ހިތަށް އަސަރުކޮށް ކަރުނަ އަންނަނަމަ، އޭގެ މާނައަކީ ތިމާގެ ކިބައިގައިވާ އިންސާނިއްޔަތުކަން އަދިވެސް އެންމެ ފުރިހަމައަށް ދިރިހުއްޓެވެ.