މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ގާއިމުކުރާ ރީހެބިލިޓޭޝަން ނިޒާމަކީ މުޖުތަމައުގެ ފުރިހަމަ ބައިވެރިވުމާ އެކު، އިސްލާމީ އުސޫލުތަކުގެ މަތިން ހިންގޭ ނިޒާމަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހާމަކުރުމަށް ތައްޔާރުކޮށްފައިވާ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގައި އެންމެ ބޮޑަށް މޫލާފައިވާ އަދި އެންމެ ޒަމާންވީ އެއް މައްސަލަ ކަމަށެވެ. އަދި މި ބޮޑު މައްސަލައަށް ދާއިމީ އަދި ޖުމްލަ ހައްލެއް ގެނައުމަށްޓަކައި މުޅި މުޖުތަމައުގެ އެއްބާރުލުން ނުހަނު ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ސިޔާސަތަކީ މި މައްސަލައިގެ އެންމެ އަޑީގައިވާ އަސްލު ސަބަބުތައް ދެނެގަނެ، އެކަންކަން ހައްލުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ މަތިމަތިން ސުޕަފިޝަލް ގޮތަކަށް ކުޑަކުޑަ ގޮތަކަށް ކަމެއް ކޮށްލައިގެން ވާވަރު ކަމެއް ނޫން. މަސްތުވާތަކެތީގެ މައްސަލަ ގައުމުން ފޮހެލާ ކަމަށްވަންޏާ ހަގީގީ ރޫޓް ކޯޒް (މައްސަލައިގެ އަސްލު) ތަކަށް ދާން ޖެހޭނެ. ދެން އެޔާއެކީ މަސްތުވާތަކެތި އިތުރަށް ފެތުރި މިކަމުގެ ތެރެއަށް ޒުވާނުން ވަންނަ ވަނުން ހުއްޓުވަން އިތުރު މަސައްކަތްތައް ކުރަން ޖެހޭނެ. މި ދެއްނެވި ގޮތަށް ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ޖެހެނީ. އެއީ ސަރުކާރުގެ ސިޔާސަތަކީ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި، ފަރުވާ ދޭ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، އެ ވަބާގައި ޖެހިފައިވާ ފަރާތްތައް އަނބުރާ މުޖުތަމައަށް ނެރުމުގައި އިސްލާމީ އަހުލާގާއި އުސޫލުތަކަށް އިސްކަންދިނުމަކީ ކާމިޔާބީގެ އަސްލުކަމުގައި ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ބާރުއެއްލުއްވިއެވެ.
