މިއަދުގެ މުޖުތަމައުގައި، ހާއްސަކޮށް މަޝްހޫރު ފަންނާނުންނާއި ސެލެބްރިޓީން ބައެއް ފަހަރު މަދު މަދުން ސިނގިރޭޓު ބޯތަން ފެނުމުން، ބައެއް މީހުންނަށް ހީވަނީ ސިނގިރޭޓު ބުއިމަކީ މަދުން ކޮށްފިނަމަ ގެއްލުމެއް ނެތް ކަމެއް ކަމަށެވެ. "ހެލްތް ލައިން" ގައި ފާހަގަކޮށްފައިވާ ފަދައިން، މިފަދަ "އޮކޭޝަނަލް ސްމޯކިންގް" ނުވަތަ ދޭތެރެއަކުން ސިނގިރޭޓެއް ބޮލުމަކީ އަސްލު ހަށިގަނޑަށް ކިހާ ނުރައްކާތެރި ކަމެއްތޯ ސުވާލު އުފެދެއެވެ.

މި ސުވާލުގެ ކުރު އަދި އެންމެ ސާފު ޖަވާބަކީ "ގެއްލުން ލިބޭނެއެވެ". ސިނގިރޭޓު ބުއިމުގައި އެއްވެސް ކަހަލަ ރައްކާތެރި މިންވަރެއް ނުވަތަ ހަށިގަނޑަށް ގެއްލުން ނުލިބޭނެ ވަރެއް ނޯވެއެވެ. ގިނަ ބަޔަކު ހީކުރާ ގޮތާ ހިލާފަށް، ދުވާލަކު އެންމެ ސިނގިރޭޓެއް ބުއިމަކީވެސް ހަށިގަނޑުގެ ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ވަގުތުން ފޯރުވަން ފަށާ ކަމެކެވެ.

ހެލްތް ލައިންގެ މި ރިޕޯޓުން އެނގޭ ގޮތުގައި، ސިނގިރޭޓު އުފެއްދުމުގައި ތަފާތު ގިނަ ބާވަތްތަކުގެ މާއްދާތައް ބޭނުންކުރެއެވެ. އަދި ސިނގިރޭޓު ރޯކޮށްލާ ވަގުތު، އޭގެއިން 7،000 އަށްވުރެ ގިނަ ކެމިކަލް އުފެދިގެންދެއެވެ. މީގެ ތެރެއިން ގިނަ ކެމިކަލްތަކަކީ ހަށިގަނޑަށް ނުހަނު ވިހަ މާއްދާތަކެއްގެ އިތުރުން، ކެންސަރު ބައްޔަށް މަގުފަހިކޮށްދޭ ކަމަށް ސައިންޓިފިކް ދިރާސާތަކުން ސާބިތުވެފައިވާ މާއްދާތަކެކެވެ.

ހަމައެކަނި އެންމެ ސިނގިރޭޓަކުންވެސް، މި ދެންނެވި ނުރައްކާތެރި އަދި ވިހަ މާއްދާތަކަށް މުޅި ހަށިގަނޑު ހުށަހެޅިގެންދެއެވެ. ސިނގިރޭޓުގެ ދުމާއެކު މި ކެމިކަލްތައް ފުއްޕާމެޔަށާއި ލޭގެ ނިޒާމަށް ވާސިލުވެ، ހިތުގެ ބަލިތަކާއި ނޭވާލާ ނިޒާމުގެ ބަލިތަކުގެ ނުރައްކާ ވަގުތުން ބޮޑުކޮށްލައެވެ. އެހެންކަމުން، މަދުން ބުއިމަކުން ސިނގިރޭޓުން ލިބޭ ބޮޑެތި ގެއްލުންތަކުން ސަލާމަތެއް ނުވެވޭނެއެވެ.

އެހެންކަމުން، ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި އޮތް ހަމައެކަނި ގޮތަކީ ސިނގިރޭޓު ބުއިން މުޅިން ހުއްޓާލުމެވެ. އެހެން މީހުން ކުރާތީ ނުވަތަ ފެޝަނަކަށް ހަދާފައި ސިނގިރޭޓެއް ބުއިމަކީ އަމިއްލަ ސިއްހަތު ނުރައްކަލެއްގެ ތެރެއަށް ވައްޓާލުމެވެ. މިއަދުން މިއަދަށްވެސް މި ނުރައްކާތެރި އާދައާ ދުރަށްޖެހި، ދިގު މުއްދަތުގެ ދުޅަހެޔޮ ދިރިއުޅުމަކަށް މިސްރާބު ޖެހުން މުހިންމެވެ.

ހަވާލާ: ހެތްލް ލައިން 2026.