ބިންހެލުމެއް އަންނާނެ ސީދާ ގަޑިއާއި، ތާރީހު ނުވަތަ އެކަން ހިނގާނެ ސީދާ ތަން ސައިންޓިފިކް ހޯދުންތަކުގެ އެހީގައި ކުރިއާލައި ދެނެގަނެވޭނެ އެއްވެސް އިލްމީ ގޮތެއް ނުވަތަ ވަސީލަތެއް މިހާތަނަށް އުފެދިފައެއް ނުވާ ކަމަށް މޫސުމާ ބެހޭ ގައުމީ (މެޓް) އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން މިކަން ސާފުކޮށްދިނީ ދިވެހިރާއްޖެއާ ކައިރީގައިވާ އިންޑިއާ ކަނޑުގެ ސަރަހައްދެއް ކަމަށްވާ ކާލްސްބާގު ރިޖަށް ކުރިއަށް އޮތް ތަނުގައި ބާރުގަދަ ބިންހެލުމެއް އައިސް، ރާއްޖެއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ލިޔުމެއް ފެތުރެމުންދާތީ އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެ އިދާރާގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބިންހެލުމެއް އަންނާނެ ސީދާ ވަގުތު ބުނެދޭން ނޭނގުނު ނަމަވެސް، ގިނަ ދުވަސްތަކެއްގެ ތަފާސްހިސާބުތަކަށް ބިނާކޮށް ބިންހެލުން އައުމުގެ ފުރުސަތު ބޮޑު ސަރަހައްދުތައް ސައިންސްވެރިންނަށް ފާހަގަކުރެވިދާނެއެވެ. ނަމަވެސް، ބިންހެލުންތައް ކުރިއާލައި އެނގޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާތީ، އެފަދަ ދޮގު މައުލޫމާތުތަކަށް ރައްޔިތުން ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާ ބެހޭ އިދާރާއިން އިތުރަށް ބުނީ، ބިންހެލުންތަކާ ގުޅޭ އެންމެހާ ކަންކަން އެ އޮފީހުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ރާއްޖެއަށް ނުރައްކާވެދާނެ ފަދަ ބިންހެލުމެއް އަތުވެއްޖެ ހާލަތެއްގައި، އެ މައުލޫމާތު އެއްވެސް ލަސްކުރުމެއް ނެތް ވަގުތުން ރައްޔިތުންނާ ހިއްސާކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ އިދާރާއިން ވަނީ ދީފައެވެ.
