ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި (މީސެލްސް) އެންމެ ބޮޑަށް ފެތުރެމުންދަނީ އުމުރުން 15 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންގެ މެދުގައި ކަމަށް ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރަފީގު ހަސަން ވިދާޅުވެއްޖެއެވެ. ސްޓޭޓް މިނިސްޓަރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ( provide އެމްއެންޔޫ) ގެ ދަރިވަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ހިމަބިހި ކޮންޓްރޯލްކުރުމަށް ހިންގާ ހާއްސަ ވެކްސިން ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ޕްރޮގްރާމަކީ ސިއްހީ ވުޒާރާއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މުހައްމަދު ރަފީގު ވިދާޅުވީ، ހިމަބިއްސަކީ ވަރަށް ހަލުވިކަމާ އެކު ފެތުރޭ ބައްޔެއް ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން މި ބަލިން ފަސޭހަކަމާ އެކު ރައްކާތެރިވެވިދާނެ ކަމަށެވެ. އެގޮތުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ބަލިޖެހުމުގެ ފުރުސަތު %97 ކުޑަވާކަމަށާއި، ބަލި ޖެހުނު ކަމުގައި ވިޔަސް ބަލީގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ބަލި ކޮންޓްރޯލް ކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުގެ ދަށުން 4,468 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
މި ކެމްޕޭނާ ގުޅޭގޮތުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މިއީ ހިމަބިހި ފެތުރުން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީވުމަށާއި އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އެމްއެންޔޫގެ މާލޭގެ ކެމްޕަސްތަކުގައި މިހާރު ވެކްސިން ދިނުން ކުރިއަށްދާއިރު، ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ނިމުމަކާ ގާތްވެފައިވުމުން އަތޮޅުތެރޭގެ ކެމްޕަސްތަކުގައި މި ހަރަކާތް ފަށާނީ މި މަހުގެ 23 ގެ ފަހުންނެވެ. ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއް ނަމަވެސް، މިއަހަރުގެ މޭ މަހުން ފެށިގެން ހިމަބިހީގެ ކޭސްތައް ފެންނަ މިންވަރު އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ދަނީ އާންމުކޮށް ހުޅުވާލައިގެން ވެކްސިން ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.
